އަންނަ މަހު ފަށާ ވޯލްޑް ކަޕާ މެދު އިރާނުގެ ޓީމުގެ ކަންބޮޑުވުންތަކަށް ފީފާ އާއި އެ ގައުމުގެ ފުޓްބޯޅަ އިދާރާގެ އިސްވެރިންގެ މެދުގައި ބޭއްވި ބައްދަލުވުން ކާމިޔާބުކަމަށް ބުނެފި އެވެ. 

ތުރުކީގެ އިސްތަންބޫލްގައި ބޭއްވި މި ބައްދަލުވުމަށްފަހު ފީފާގެ ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރާފްސްޓްރޮމް ރޮއިޓާސް އަށް ވިދާޅުވީ  އިރާނުގެ ފުޓްބޯޅަ އެސޯސިއޭޝަނާ އެކު ކުރިއަށް ދިޔައީ ފުރިހަމަ އަދި ބިނާކުރަނިވި ބައްދަލުވުމެއް ކަމަށެވެ. 

އޭނާ ވިދާޅުވީ ދެ ފަރާތުން ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވޯލްޑް ކަޕަށް އިރާނަށް މަރުހަބާ ކިޔަން އިންތިޒާރު ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ. 

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި އަންނަ މަހު 11 އިން ޖުލައި 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި އިރާންގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެން އޮތީ އެމެރިކާގަ އެވެ. ނަމަވެސް، ފެބްރުއަރީ 28 އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން، މުބާރާތުގައި އިރާން ބައިވެރިވުމާ މެދު މީގެ ކުރިން އޮތީ ސުވާލު އުފެދިފަ އެވެ.

މި މައްސަލަ އިތުރަށް ގޯސްވީ މި މަހު ކެނެޑާގެ ވެންކޫވާގައި ބޭއްވި ފީފާ ކޮންގްރެސް އަށް ވަޑައިގެންނެވި އިރާން ފުޓްބޯޅަ ފެޑެރޭޝަން ގެ ރައީސް މަހްދީ ތާޖު ހިމެނޭ ވަފުދަށް ކެނެޑާއަށް އެތެރެވުމުގެ ހުއްދަ ނުދިނުމުންނެވެ. ސައްހަ ވިސާ އޮތް ނަމަވެސް ޓޮރޮންޓޯގެ މައި އެއާޕޯޓުން ކެނެޑާގެ އިމިގްރޭޝަން އޮފިޝަލުންގެ ފަރާތުން ފެނުނު "ބަލައިނުގަނެވޭނެ ފަދަ އަމަލުތަކުގެ ސަބަބުން" އިރާންގެ ވަފުދު ވަނީ އެނބުރާ ގައުމަށް ގޮސްފަ އެވެ.

އިރާންގެ ކުޅުންތެރިންނަށް އެމެރިކާގެ ވިސާ ލިބުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ދޭން ފީފާގެ ސެކްރެޓަރީ ޖެނެރަލް އިންކާރު ކުރެއްވި އެވެ. 

ނަމަވެސް، އޭނާ މުހިންމު ކަންކަމާ ބެހޭޣޮތުން އިރާނާ އެކު މަޝްވަރާ ކުރި ކަމަށެވެ.

"މުހިންމު ހުރިހާ ކަންކަމާ މެދު އަހަރެމެން މަޝްވަރާ ކުރިން. އެކަމަކު މިއީ އޭގެ ތަފްސީލްތައް ހާމަކުރަންވީ ބަގުތެއް ނޫން،" އޭނާ ވިދާޅުވި އެވެ. 

އޭނާ ވުދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މި ވާހަކަތައް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިރާންގެ ފުޓްބޯޅަ އިދާރާގެ ރައީސް މަހްދީ ތާޖު ވެސް ވަނީ ފީފާގެ އޮފިޝަލުންނާ އެކު ބޭއްވުނު ބައްދަލުވުމާ މެދު ހިތްހަމަޖެހުން ފާޅުކުރައްވާފަ އެވެ.

"އަހަރެމެން ފާހަގަކުރި ހުރިހާ ކަމެއް. އެއީ އަހަރެމެން ހުށަހެޅި 10 ނުކުތާއަށް ވެސް ފީފާއިން އަޑުއަހައި އޭގެ ކޮންމެ ކަމަކަށް ހައްލުތަކެއް ހުށަހަޅާފައިވާތީ އަޅުގަނޑު ވަރަށް އުފާކުރަން،" މަހްދީ ތާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް މައްސަލައެއް ކުރިމަތި ނުވެ އިރާނުގެ ގައުމީ ޓީމަށް ވޯލްޑް ކަޕަށް ދެވޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ވޯލްޑް ކަޕްގައި އިރާން ލައްވާލީ ބެލްޖިއަމާއި ނިއު ޒިލެންޑް އަދި މިސްރާ އެކު ގުރޫޕް ޖީ ގަ އެވެ. އިރާނުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ ނިއު ޒިލެންޑާ ދެކޮޅަށެވެ.