މީގެ 27 އަހަރު ކުރިން ސަރުކާރުގެ މަސް ކުންފުނި، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ކޮރަޕްޝަނުގެ މައްސަލަ އާއި 1999 ގައި އެއާ މޯލްޑިވްސް ބަނގުރޫޓުވި މައްސަލަ، އެސެޓްސް ރިކަވަރީ ކޮމިޝަނުން ބަލާނެ ކަމުގެ އިންޒާރު މިއަދު ދީފި އެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި 1990 ގައި ފަޅާއެރި އަދި އޭރު ތަހުގީގުކުރި އެފްޕީއައިޑީގެ ކޮރަޕްޝަނުގެ މައްސަލަ ބަލަން ނިންމި ކަން އިއުލާންކުރެއްވީ އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.
އޭނާ ވިދާޅުވީ ދިވެހި ތާރީހުގައި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ހިންގާފައިވާ ކަމަށާއި އޭގެ ތެރޭގައި އެފްޕީއައިޑީ އާއި އެއާ މޯލްޑިވްސްގެ މައްސަލަ ހިމެނޭ ކަމަށެވެ. އަދި އެ މައްސަލަތައް، އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލް ގުޅިގެން ބަލައި، ގެއްލިފައިވާ ފައިސާއެއް ނަމަ ދައުލަތަށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މިއީ ވަރަށް ގިނަ އަދަދެއްގެ ފައިސާ. ކޮރަޕްޝަނުގެ މި ފައިސާގެ ޖުމްލަ އަދަދު ދެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާނު ކުރެވޭތޯ ބަލާނަން،" އަޒްލީން ވިދާޅުވި އެވެ.
އެފްޕީއައިޑީގެ މައްސަލާގައި އޭރުގެ ޓްރޭޑް މިނިސްޓަރު އަދި އެސްޓީއޯ އާއި އެފްޕީއައިޑީ ހިންގެވުމުގައި އިސްކޮށް ހުންނެވި އިލްޔާސް އިބްރާހިމް، ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަތެވެ. އޭގެ އެންމެ ބޮޑު ތުހުމަތެއް އޭރު އޭނާގެ އިސްތަށިފުޅުގައި އެޅުވިޔަސް އިލްޔާސްއާ ދެކޮޅަށް ޝަރީއަތެއް ހިންގާފައެއް ނުވެ އެވެ.
އެކަމަކު އެފްޕީއައިޑީގެ އެހެން ދެ ވެރިއެއްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ އަރުވާލި އެވެ.
އޭގެ ފަހުން އިލްޔާސް ވަނީ އަލުން މައުމޫން ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ.
އެފްޕީއައިޑީއާ ހިލާފަށް އެއާ މޯލްޑިވްސްއާ މެދު އޭރު ބޮޑަށް ވާހަކަ ދެކެވުނީ މެނޭޖްކުރުމުގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ބަނގުރޫޓުވި ކަމަށެވެ.