ގައްދޫގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ޓީސީން ކާމިޔާބު ހޯދައިފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގައްދޫގެ ދަނޑުގައި ކުޅުނު މެޗުގައި ޓީސީގެ މިސްރުގެ ފޯވާޑް މަހްމޫދު އަޝްރަފް ދެ ލަނޑު ޖެހި އެވެ.
ޓީސީގެ ފުރަތަމަ މެޗުގައި ވިކްޓަރީ އަތުން ބަލިވީ 5-1 ންނެވެ. ގައްދޫގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ނިއު ރޭޑިއަންޓް އަތުން ބަލިވީ 2-0ންނެވެ.
ޓީސީގެ ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ތިން ލަނޑު ޖެހީ ގާތްގަނޑަކަށް، ފުރަތަމަ 20 މިނެޓް ތެރޭގަ އެވެ.
އެ ޓީމުގެ ފުރަތަމަ ލަނޑު އަޝްރަފް ޖެހީ މެޗުގެ އަށްވަނަ މިނެޓްގަ އެވެ. ގައްދޫގެ ޑިފެންޑަރުން ކައިރީގައި ވިއްދާފައި ތިއްބައި ވެސް އަޝްރަފް ވަނީ ގޯލް ޖާހަފަ އެވެ.
ދެވަނަ ލަނޑު އަޝްރަފް ޖެހީ މެޗުގެ 12 ވަނަ މިނެޓްގައި އައިހަމް ހަމްދޫން ދިން ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ ގައްދޫގެ ކީޕަރު ބޯޔަން ވުކްމިރޮވިޗަށް ވެސް ފުރުސަތު ނުދީ ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.
މެޗުގެ 17 ވަނަ މިނެޓްގައި ގައްދޫގެ ކެމެރޫންގެ ފޯވާޑް ޑޮނާލިއޯ މެލާޗިއޯ ޑުއާންލާ އަށް ވެސް ރަނގަޅު ފުރުސަތެއް ތަނަވަސްކޮށް ދިނެވެ. ނަމަވެސް އޭނާ އަށް ރަނގަޅަށް ބޯޅަ ފޮނުވައެއް ނުލެވުނެވެ.
ޓީސިގެ ތިންވަނަ ލަނޑު 21 ވަނަ މިނެޓްގައި ބްރެޒިލްގެ މެގްސަން ޑޫރާޑޯ ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ގައްދޫގެ ސާބިއާ މިޑްފީލްޑަރު އުރޮޝް ޔެމޮވިޗް ވަނީ ލިބުނު ޕެނަލްޓީއަކުން ގައްދޫގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ.
ގައްދޫގެ ދެވަމަ ލަނޑު މެޗުގެ 85 ވަނަ މިނެޓްގައި ޖަހައި ދިނީ ޑޮނާލިއޯ އެވެ. މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ޓީސީގެ މާއިޒް ވަހީދު ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިފަ އެވެ.