ގޫގްލް މެޕްސް އަށް ވަދެފައި، ޖައްވަށް ދެވެން ދެން ޒޫމް އައުޓް ކޮށްލާށެވެ! ބިމާއި ބިމުގެ ވަށައިގެންވާ މަޑި ކިލަނބުގެ ހިތްގައިމު މަންޒަރުތަކެއް ފެންނާނެ އެވެ.

ގޫގްލް މެޕްސް މިހާރު ވަނީ މި ދުނިޔެ އިން ބޭރަށް ގޮސް، އިތުރު 12 ޕްލެނެޓަކާއި ހަނދު ބަލައިލެވޭނެ ގޮތް ހަދައިދީފަ އެވެ.

މިދިޔަ ޖުލައި މަހު ބައިނަލްއަގުވާމީ ޖައްވީ އިދާރާ (އައިއެސްއެސް) ގޫގްލް މެޕްސްގައި ހިމެނުމަށް ފަހު މި ގެނައި އަޕްޑޭޓާ އެކު، މާސް އާއި ވީނަސް ވެސް ފެނެ އެވެ.

މިހާރު ޖުމްލަ 17 ދުނިޔެއެއް ގޫގްލް މެޕްސް އިން ބަލައިލެވޭނެ އެވެ. އެއީ އިރާ އެންމެ ކައިރީގައިވާ ހަތަރު ޕްލެނެޓްގެ އިތުރުން ޕްލޫޓޯ އާއި އައިއެސްއެސް އަދި 10 ހަނދަކާއި ގިނިހިލަ، ސިރީޒް އެވެ.

ގޭހުގެ ބޮޑެތި ޕްލެނެޓްތައް ކަމަށްވާ ޖުޕިޓާ، ސެޓާން، ޔުރެނަސް އަދި ނެޕްޓިއުން ހިމަނާފައި ނުވިޔަސް އެ ޕްލެނެޓްތަކުގެ ޝައުގުވެރި ގިނަ ހަނދުތަކެއް ފެންނަން އެބަހުއްޓެވެ. އޭގެ ތެރޭގައި ޖުޕިޓާގެ އެންސެލަޑަސް އާއި ޔޫރޮޕާ އަދި ސެޓާންގެ ޓައިޓަން ހިމެނެ އެވެ. މިއީ ދިރުން އާލާކޮށްދޭ ސިފަތައް ހުރެދާނެ ކަމަށް ސައިންސްވެރިން ގަބޫލުކުރާ ތަންތަނެވެ.

ގޫގްލް މެޕްސް އިން ބުނިގޮތުގައި މީގެ ތެރެއިން ބައެއް ތަންތަނަކީ ޖައްވީ އުޅަނދު ކެސިނީގެ މިޝަންގައި ދުނިޔެ އަށް ފޮނުވި ބައި މިލިއަނެއްހާ ފޮޓޯ ބޭނުންކޮށްގެން ސައިންސްވެރިން ގެނެސްދީފައިވާ މަންޒަރުތައް ކަމަށެވެ.