އިތުރު ހަ ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓުކުރާނެ އާލާތްތައް ޑަބްލިއުއެޗްއޯ އިން ދީފި

ހަ ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓުކުރަން، ޖީން އެކްސްޕާޓް ކާޓްރިޖް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރޭ ހަދިޔާކޮށްފި އެވެ.


ހެލްތު މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި، ކާޓްރިޖުތައް ހަވާލު ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗުއޯގެ މަންދޫބު ޑރ. އަރްވިންދު މާތޫރެވެ. ރާއްޖޭގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

ޖީން އެކްސްޕާޓު މެޝިންތައް ގެނައުމުގައި ޔޫއެންޑީޕީގެ އެހީތެރިކަން ވެސް ލިބުނެވެ.

ކޮވިޑް-19 އަށް މިހާތަނަށް ޓެސްޓު ހަދަމުން އަންނަނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާއި ފުލުހުންގެ ފޮރެންސިކް ސާވިސް އާއި އޭޑީކޭ ހޮސްޕިޓަލް އަދި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ. ހދ. ކުޅުދުއްފުށީގައި ވެސް ޕީސީއާރު ސިސްޓަމް ބޭނުންކޮށްގެން ޓެސްޓުކުރަން ވަނީ ތައްޔާރުވެފަ އެވެ.

ޖީން އެކްސްޕާޓް މެޝިން ބަހައްޓާ އިތުރު ހަ ރަށަކީ، ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ގއ. އަތޮޅު ހޮސްޕިޓަލް އަދި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަރު މެމޯރިއަލް ހޮސްޕިޓަލެވެ.

އެއާއެކު ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އެވެ.

އޭނާ ވިދާޅުވީ މިއަދަކީ އަތޮޅުތެރޭގެ ސިއްހީ ހިދުމަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ދުވަހެއް ކަމަށް. އިންޑިއާގެ ޕޫނޭގައި ހަދަމުންދިޔަ ޓެސްޓެއް އަމިއްލަ ރަށުގައި ހުރެގެން ހެދުމަކީ ކުޑަ ކަމެއް ނޫން ކަމަށް ވިދާޅުވި.

އައިޖީއެމްއެޗުގައި އެންމެ ފުރަތަމަ ކޮވިޑަށް ޓެސްޓު ހެދީ މިިދިޔަ ފެބްރުއަރީ 29 ގަ އެވެ. އަތޮޅު ތެރޭގައި އެންމެ ފުރަތަމަ ޓެސްޓް ހެދީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މި މަހުގެ 21 އެވެ. މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވެސް ވަނީ އެ ޓެސްޓުކުރަން ތައްޔާރީތައް ފެށިފަ އެވެ.

އެގޮތަށް ހަމަޖެހުމުން ބަލި މީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓު ސެންޓަރަކަށް ގެންގޮސް، ނަތީޖާ ލިބުން އަވަސް ވާނެ އެވެ.

ކާޓްރިޖް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

ރޭގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއި މަސައްކަތުން މި ހިސާބަށް އާދެވުނުއިރު ރަނގަޅު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.

އެ ނުރައްކާތެރި ބަލި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ފެތުރެމުންދިޔަ ބާރުމިނާއި އެކަމުގައި ހުރި ވަސީލަތްތައް މަދުކަމާއި ވަސީލަތް ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ ތަކުލީފު އެންމެން އެއްވަރަކަށް ތަހައްމަލުކުރި ކަމަށާއި ނަމަވެސް ހައްލު ހޯދަން ކުރި މަސައްކަތުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދަކީ އަތޮޅު ތެރޭގެ ސިއްހީ ހިދުމަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ދުވަހެއް ކަމަށެވެ. އިންޑިއާގެ ޕޫނޭގައި ހަދަމުންދިޔަ ޓެސްޓެއް އަމިއްލަ ރަށުގައި ހުރެގެން ހެދުމަކީ ކުޑަ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

މި ހިސާބަށް އައިއިރު ކުރި މަސައްކަތުން ހުރީ މުހިއްމު ފައްތަރެއް މަތީގައިކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކޮވިޑް-19 ގެ ކަންކަން ނިމިގެން ދިޔައީ ނޫން ކަމަށް ދެކި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ވަކިން ހާއްސަ ގޮތެއްގައި، އަތޮޅުތެރޭގައި މި ކަމަށްޓަކައި މިހާރު ކުރަންޖެހޭ މަސައްކަތް އިހުނަށް ވުރެ ބޮޑަށް އަޅުގަނޑުމެން އިސްކަންދޭންޖެހޭ ކަން އެއީ އަޅުގަނޑުމެން އެންމެންނަށް ފެންނަން އޮތް ހަގީގަތެއް. އެހެންކަމުން ސަރުކާރުން ކުރެވުނު މަސައްކަތާއި ޑަބްލިއުއެޗްއޯ އާއި ޔޫއެންޑީޕީގެ އެހީތެރިކަމާ އެކީގައި ރާއްޖޭގެ އަތޮޅުތެރޭގައި ވަރަށް ގިނަ ހިސާބުތަކެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ފަސޭހަކަން ގާއިމްވެގެން މި ދަނީ،" އަމީން ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ މުހިއްމީ ބަލި ދެނެގަތުމަށް ޓެސްޓު ހެދުމެވެ. ޓެސްޓު ހެދުމުގެ ގާބިލްކަން އިތުރު ކުރުމަށް ކުރިއަށް އޮތް ތަނުގައި ވެސް އެ ޖަމިއްޔާ އިން އެހީތެރިކަން ދޭނެ ކަމަށް ވިދާޅުވި އެވެ،

ޔޫއެންޑީޕީގެ މަންދޫބު އަކީކޯ ފުޖީ ވިދާޅުވީ މިއީ އުފާވެރިކަން ގެނެސްދޭ ދުވަހެއް ކަމަށެވެ. ފުރާނަތައް ސަލާމަތްކުރުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.