ފިނޭންސް މިނިސްޓްރީން 94.5 މިލިއަން ރުފިޔާއަށް ހުޅުމާލޭން ބިމެއް ގަނެފި އެވެ. 

އެ މިނިސްޓްރީން ގަނެފައިވަނީ ހުޅުމާލެ އެކެއްގެ 25،011 އަކަފޫޓުގެ ބިމެކެވެ. އެއީ ހުޅުމާލެ އިންޖީނުގެ އާއި މަސް މާރުކޭޓު ހިމެނޭ ސަރަހައްދުގައިވާ ބިމެކެވެ. 

އެޗްޑީސީގެ މިލުކުގެ ދަށުގައި އޮތް އެ ބިން އެ ކުންފުނިން ފިނޭންސް މިނިސްޓްރީއަށް ވިއްކާފައިވާއިރު، މިހާރު ވަނީ އަގު ވެސް އެއްކޮށް ދައްކައި ނިންމައިފަ އެވެ. 

މި މުއާމަލާތް ރަޖިސްޓަރީކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި މިއީ ސައްހަ މުއާމަލާތެއް ކަމަށް ކަނޑައަޅައި، އެޗްޑީސީގެ މިލުކުން އެ ބިން ވަކިކޮށް، ފިނޭންސް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ. 

ފިނޭންސް މިނިސްޓްރީން މިއީ ކޮން ބޭނުމަކު ގަތް ނިމެއް ކަމެއް ސާފެއް ނޫނެވެ. ނަމަވެސް، މިއީ ހުޅުމާލޭގެ ބިމެއް ދައުލަތުގެ ބޭނުމަށް ނަގާ ނަމަ، އާންމުކޮށް އަމަލުކުރާ އުސޫލެވެ. 

އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ކޮންމެ ބިމެއް ވެސް ދައުލަތަށް ނަގާ ނަމަ، އެ ބިމަށްވާ ފައިސާ އެ ކުންފުންޏަށް ދޭން ޖެހެ އެވެ. މީގެކުރިން ވެސް މިގޮތަށް އެކި ފަހަރު މަތިން އަމަލުކޮށްފައިވެ އެވެ. 

މި އަހަރު ކުރީކޮޅު ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 69.7 މިލިއަން ރުފިޔާ ދީފައިވާ ހުޅުމާލޭން ބިމެއް ގަތެވެ. އެއީ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް އެޅުމަށް ދައުލަތަށް ނެގި ބިމެކެވެ.