ވަރުގަދަ އިންތިޒާމެއްގެ ތެރެއިން ލޯކަލް ކައުންސިލްގެ އިންތިޚާބަށް ޕްރައިމަރީ ބާއްވައި، ޕީޕީއެމުން ނެރޭ ގިނަ ކެންޑިޑޭޓުން އަޣުލަބިއްޔަތު ހޯދައި މި އިންތިޚާބަކީ ސަރުކާރަށް ވަރުގަދަ މެސެޖަކަށް ވާނެ ކަމަށް އިދިކޮޅު ޕީޕިއެމާއި ޕީއެންސީން މިއަދު ބުނެފި އެވެ.
ރާއްޖޭގައި މިވަގުތު އޮތް އިދިކޮޅު ކޯލިޝަން، ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން 1،146 މީހަކު ވަނީ ކުރިމަތިލައިފަ އެވެ. މީގެތެރެއިން އިންތިޚާބުކުރަން ޖެހޭ އަދަދަށް ވުރެން އިތުރަށް ކުރިމަތިލީ ދާއިރާތަކުން ޓިކެޓް ދޭނެ ކެންޑިޑޭޓުން ހޮވަން 50 ރަށެއްގައި އަންނަ ހުކުރުދުވަހު ޕްރައިމަރީ އޮންނާނެ އެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) "މިހާރު" އަށް ވިދާޅުވީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބަންދުކޮށް ނުހައްގުން އަނިޔާ ދީ، މި ސަރުކާރުން ވެރިކަން ހިންގަމުންދާ ގޮތާ ދެކޮޅަށް ގިނަ ބަޔަކު ތިބީ ވަރުގަދަ ރޫހެއްގައި ކަމަށެވެ. ރައްޔިތުންގެ ޖަވާބު، ސަރުކާރަށް ދޭނީ ކައުންސިލް އިންތިޚާބުގެ ވޯޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީން ޖަލަށް ލީ ސަބަބު ރައްޔިތުންނަށް ސާފުވޭ. މި ހުރިހާ ކަންކަމަށް ފަހު ކައުންސިލް އިންތިޚާބު ވޯޓު މި ކުރިމަތިވާއިރު ރައްޔިތުން ވޯޓުގައި ސަރުކާރަށް ޖަވާބު ދޭނެ. ސަރުކާރުން ކުރާހާ ހުރިހާ ކަމަކަށް އާއެނކޭ ބުނެގެން ތިބެން ބޭނުން ނުވާކަން ފިސާރިކެރިގެން މި ވޯޓުގައި ބުނާނެ،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ޕްރައިމަރީއަކީ 2013 ގެ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ބޭއްވި ޕްރައިމަރީ އަށް ފަހު އެ ޕާޓީން ބާއްވާ އެތެރޭގެ އެންމެ ބޮޑު އިންތިޚާބެވެ. ޕްރައިމަރީ އިންތިޒާމް ކޮމިޓީގައި ތިއްބެވީ ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ޕާޓީ ތަމްސީލްކުރެއްވި އިސް މެމްބަރުންތަކެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވަރަށް މަދު ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާތަކަކަށް ކައުންސިލް އިންތިޚާބުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުން ވާދަކުރާނެ. ޕްރައިމަރީ އަށް ވެސް ކުރިމަތިލާފައި ތިބީ ތައުލީމީ، ހުނަރުވެރި، ގާބިލް ކެންޑިޑޭޓުން. ބައެއް ކެންޑިޑޭޓުންނަކީ މިހާރު ވެސް ކައުންސިލްތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުން،" މުންދު ވިދާޅުވި އެވެ.
"ރަށްރަށުގައި ވަރަށް ހަރަކާތްތެރި ގިނަ އަންހެން ކެންޑިޑޭޓުންތަކެއް ވާދަކުރެއްވުމަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."
ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި އެއްވެސް ކެންޑިޑޭޓަކު ވާދައެއް ނުކުރާނެ އެވެ. ޕީއެންސީގެ ކެންޑިޑޭޓަކު ކުރިމަތިލާ ނަމަ، ޓިކެޓް ދެނީ ޕީޕީއެމަށް ސޮއިކޮށް އެ ޕާޓީގެ ނަމުގަ އެވެ.
މުންދު ވިދާޅުވީ ޕީޕީއެމްގެ ޓިކެޓަށް މިފަހަރު ކެންޑިޑޭޓުން ކުރިމަތިލީ ކުށުގެ ރެކޯޑާއި ސާބިތު ދަރަނީގެ ކަންކަން ވެސް ބަލައި ގާނޫނީ ގޮތުން މައްސަލަތަކެއް ނެތް ކަން ކަށަވަރުކުރުމަށް ފަހު ކަމަށެވެ. އެހެންކަމުން، އެމްޑީޕީގެ މައްޗަށް އެ ޕާޓީގެ ކެންޑިޑޭޓުން ކުރި ހޯދާނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތެވެ.
ވެރިކަމުގައި އޮވެ، ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން އެމްޑީޕީން ބާރާއި ނުފޫޒު އަދި ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމުގެ ތުހުމަތު ވެސް މުންދު ކުރެއްވި އެވެ. އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ސްކޫލްތައް ލިބުނަސް އެ ޕާޓީއަށް އެކަމުގައި ވެސް ހުރަސްތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.
"މިކަހަލަ ގިނަ ގޮންޖެހުންތަކާ އެކު އަޅުގަނޑުމެން ކައުންސިލް އިންތިޚާބާ މި ކުރިމަތިލަނީ. އެހެންވިޔަސް މިވަގުތު ރާއްޖޭގައި އޮތް ހަމައެކަނި އިދިކޮޅު ޕާޓީ މިއޮތީ އިންތިޚާބު ކާމިޔާބު ކުރަން ތައްޔާރަށް،" މުންދު ވިދާޅުވި އެވެ.