ކައުންސިލް އިންތިޚާބުގައި އިއްތިހާދު ނުވާން ޕީޕީއެމުން ގަރާރެއް ފާސްކޮށްފި

މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކޯލިޝަން ހަދައިގެން ޕީޕީއެމަށް ލިބުނު ގެއްލުން ތަކުރާރުވިޔަ ނުދޭން، ސަރުކާރަށް ވާގިވެރިވާ އެއްވެސް ޕާޓީއަކާ އެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކޯލިޝަން ނުހަދަން އިދިކޮޅު ޕީޕީއެމުން ރޭ ގަރާރެއް ފާސްކޮށްފި އެވެ.


އިދިކޮޅު ކޯލިޝަން، ޕީޕީއެމާއި ޕީއެންސީން މިދިޔަ މަޖިލީސް އިންތިޚާބުގައި މަސައްކަތްކުރީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ އެކުގަ އެވެ. އިންތިހާބަށް އިއްތިހާދުވާނޭ ގޮތުގެ ރަސްމީ އެއްބަސްވުމެއްގައި ސޮއި ނުކުރި ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކޮށް، ޕީޕީއެމުން ވަނީ މަޖިލީހުގެ ބައެއް ދާއިރާތައް އެ ޕާޓީއަށް ދޫކޮށްލައިފަ އެވެ. އެއީ، ދެ ޕާޓީން ގޮނޑިތައް ކާމިޔާބުކުރާ މެމްބަރުން، މި ހިނގާ މަޖިލީހުގައި އެކުގައި މަސައްކަތް ކުރަން ދެކެވުނު ވާހަކަތަކުގެ މައްޗަށެވެ.

އަންނަ އެޕްރީލް ހަތަރެއްގައި ގައި އޮންނަ ކައުންސިލްތަކުގެ އިންތިޚާބާ ގުޅުވައި، ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލަށް ގަރާރެއް ހުށަހެޅީ މަޖިލީސް އިންތިޚާބުގައި ކަން ހިނގި ގޮތް ތަކުރާރު ނުކުރަން ފާސްކުރުމަށެވެ.

އެ ގަރާރު ފުރަތަމަ ހުށަހެޅީ ކޯލިޝަން ހެދުމުގެ ފުރުސަތު މުޅިން ބަންދުނުކޮށް، ޝަރުތުތަކަކާ އެކު އެކުގައި މަސައްކަތް ކުރުމުގެ މަގު ފަހިވާ ގޮތަށެވެ. ޝަރުތަކީ މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި ފާޅުގައި މަސައްކަތް ކުރާ ޕާޓީ އަކަށް ވުމެވެ. ދެ ވަނަ ކަމެއްގެ ގޮތުގައި ޔާމީންގެ ފިކުރަށް ތާއީދު ކުރުމާއި އެމަނިކުފާނުގެ ވެރިކަމުގައި ގެންނެވި ތަރައްގީ އާއި ދީނީ ސިޔާސަތަށް ތާއީދުކުރާ ޕާޓީއަކަށް ވުމެވެ.

މީގެ އިތުރުން، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކަށް ނުވުން ގަރާރުގައި ލާޒިމްކޮށްފައިވެ އެވެ. ގަރާރަށް ބަހުސްކޮށް ނިމުނު އިރު، ގިނަ މެމްބަރުންގެ ހިޔާލު ހުރީ އެއްވެސް ޕާޓީއަކާ އެކު މި އިންތިޚާބަށް ކޯލިޝަން ނުހެދުމަށެވެ.

ޕާޓީގެ މެމްބަރުން ބަހުސް ކުރަން ހުޅުވާލި 20 މިނެޓުގެ ފުރުސަތުގައި، ގިނަ މެމްބަރުން ވިދާޅުވީ އެއްވެސް ޕާޓީއަކާ އިއްތިހާދު ނުވެ އިންތިޚާބު ކާމިޔާބު ކުރުމުގެ ގާބިލްކަން އެ ޕާޓީގައި އެބަހުރި ކަމަށެވެ. ޔާމީނަށް ނުހައްގުން އަނިޔާ ދެމުންދާ ސަރުކާރަކަށް ވާގިވެރިވާ އެއްވެސް ބަޔަކާ އެ ޕާޓީން ގުޅެން ނުޖެހޭ ކަަމަށް މެމްބަރުން ވިދާޅުވި އެވެ.

"..ޕީޕީއެމް އެކަނި ނުކުމެ މި އިންތިޚާބު، ރައީސް އަބްދުﷲ ޔާމީނަށްޓަކައި ވަރަށް ފުރިހަމަ އަށް ކާމިޔާބުވާނެ ކަމަށް،" ޣައްސާން

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ރަސްމީކޮށް އަދި ނުރަސްމީކޮށް ނަމަވެސް މި އިންތިޚާބަށް އެއްވެސް ޕާޓީއަކާ އެކު ޕީޕީއެމުން މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށެވެ. އޭނާ އެދިވަޑައިގަތީ ގަރާރަށް އެ ބައި އިތުރު ކޮށްދިނުމަށެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި އިންތިޚާބު ކާމިޔާބު ކުރެވޭވަރުގެ ކެންޑިޑޭޓުންނާ އެކު ޕާޓީގެ ކުރީ ސަފުގައި އޮތީ ހިންގުންތެރި ލީޑަޝިޕެކެވެ.

"އެއްވެސް ޕާޓީއަކާ އެކު ނުވަތަ އެއްވެސް ބަޔަކާ އެކު، މަކަރުވެރި ރޭވުންތަކެއްގެ ތެރެއިން އަޅުގަނޑުމެންގެ ޕާޓީގެ ތެރެއަށް ވަންނަން އުޅޭ ބަޔަކާ އެކު އިތުރު ކޯލިޝަނެއް ހެދުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން،" ކުރީގެ ޕްރެޒެންޓަރު ހީނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވެސް ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެއްވެސް ބަޔަކާ އެކު ކޯލިޝަން ހެދުމަށް އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ. ކައުންސިލްގެ ކެމްޕޭނަށް ރަށްތަކަށް ކުރެއްވި ދަތުރުތަކުން، ޕާޓީގެ އާއްމު މެމްބަރުން ވެސް ތިބީ އެ ރޫހުގައި ކަން ސާފުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"..ޕީޕީއެމް އެކަނި ނުކުމެ މި އިންތިޚާބު، ރައީސް އަބްދުﷲ ޔާމީނަށްޓަކައި ވަރަށް ފުރިހަމަ އަށް ކާމިޔާބުވާނެ ކަމަށް،" ޣައްސާން ވިދާޅުވި އެވެ.