މި މަހު ބާއްވަން ނިންމާފައި އޮތް 21 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑެމީ އެވޯޑްސް (އައިފާ) އެވޯޑް ހަފުލާ ކޮރޯނާވައިރަހާ ހެދި ކެންސަލްކޮށްފި އެވެ.
އެ އެވޯޑް ހަފުލާ އިންތިޒާމުކުރާ ވިޒް ކްރާފްޓުން ބުނީ މި މަހުގެ 21-29 އަށް ރާވާފައި އޮތް އެވޯޑް ހަފުލާ މިހާރު އެ ތާރީހުތަކުގައި ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ފަހުން ތާރީހެއް އިއުލާންކުރާނެ ކަމަށް ބުންޏެވެ.
މި އަހަރުގެ އައިފާ އެވޯޑް ހަފުލާ ބާއްވަން ނިންމާފައި އޮތީ މަދިޔަ ޕްރަދޭޝްގެ އިންދޯރުގަ އެވެ. އެވޯޑް ހަފުލާ ކެންސަލްކުރިކަން ހުކުރު ދުވަހު ޓްވިޓާގައި ހިއްސާކުރަމުން ވިޒް ކްރާފްޓުން ބުނީ އެގޮތަށް ނިންމީ މަދިޔަ ޕްރަދޭޝްގެ ސަރުކާރާ ވެސް މަޝްވަރާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ކޮވިޑް-19 ގައުމުތަކުގައި ވަރަށް ބޮޑަށް ފެތުރެމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ގިނަ ބަޔަކު އެއްތަނަކަށް ޖަމާވާ ކަހަލަ އިވެންޓްތައް މި ދުވަސްވަރު ނުބޭއްވުމަށް އިލްތިމާސްކޮށްފަ އެވެ.
އިންޑިއާގެ ފިލްމުތަކަށް ދޭ އައިފާ އެވޯޑް ހަފުލާ ކެންސަލްކުރި އިރު، މި އެވޯޑަކީ މިދިޔަ އަހަރާ ހަމައަށް މުޅިން ވެސް އިންޑިއާ އިން ބޭރުގެ ގައުމުތަކުގައި ބާއްވަމުން ދިޔަ އެވޯޑް ހަފުލާއެކެވެ. މުޅިން އަލަށް އައިފާ އެވޯޑްސް އިންޑިއާގައި ބޭއްވި މިދިޔަ އަހަރު އެވެ.
އައިފާ އަކީ 2000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެވޯޑް ހަފުލާއެކެވެ.