ބޮލީވުޑްގެ އެކްޓަރު އިމްރާން ޚާން ފިލްމީ ދާއިރާއާ ދުރުގައި 10 އަހަރު ހުރުމަށް ފަހު އެނބުރި އަންނަ ފިލްމު ޔަގީންވެއްޖެ އެވެ.

އިމްރާން އެނބުރި އަންނަނީ ނެޓްފްލިކްސް އިން ރިލީޒްކުރުމަށް ހަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީ ފިލްމު "އަދޫރޭ ހަމް އަދޫރޭ ތުމް" އިންނެވެ.

"ދަ ހޮލީވުޑް ރިޕޯޓާ އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި އިމްރާން ބުނީ މިއީ މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އޭނާ ކުޅުނު ފުރަތަމަ ފިލްމު ކަމަށާއި އެ ފިލްމުގެ ޝޫޓިން ނިމި މިހާރު ކުރިއަށް ގެންދަނީ ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތްތައް ކަމަށެވެ.

މީގެ އިތުރުން، މި ފިލްމަކީ "ބޮޑެތި މީހުންނަށް ހާއްސަ" އަދި އޭނާގެ މިހާރުގެ އުމުރާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެއް ކަމަށް ވެސް އިމްރާން ބުންޏެވެ. 

އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރު ފަހުކޮޅު އެވެ. 

"އަދޫރޭ ހަމް އަދޫރޭ ތުމް" ޑައިރެކްޓުކުރަނީ 2010 ވަނަ އަހަރު އިމްރާން ކުޅުނު މަޝްހޫރު ފިލްމު "ބްރޭކް ކޭ ބާދު"ގެ ވެސް ޑައިރެކްޓަރު ދާނިޝް އަސްލަމެވެ.

އިމްރާން ބުނި ގޮތުގައި، އެ ފިލްމަކީ "ބްރޭކް ކޭ ބާދު"ގެ ޓީމުން 15 އަހަރު ފަހުން އުފައްދާނެ ކަހަލަ ނެޗުރަލް ފިލްމެކެވެ. ޑައިރެކްޓަރު ދާނިޝް އާއި އޭނާގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، މި ފިލްމަކީ އެ ތަޖުރިބާތަކުގެ އަލީގައި އުފެއްދި ވަރަށް ޕާސަނަލް ފިލްމެކެވެ.

މި ފިލްމުގައި އިމްރާންއާ އެކު ޒުވާން އެކްޓަރު ގުރްފަތޭހް ޕިރްޒާދާ ވެސް މުހިންމު ރޯލަކުން ފެންނާނެ އެވެ. 

އިމްރާން އެންމެފަހުން ބޮޑު ރޯލެއް ކުޅެފައި ވަނީ 2015 ވަނަ އަހަރު ކަންގަނާ ރަނާވަތުއާ އެކު ކުޅުނު ފިލްމު "ކައްޓީ ބައްޓީ"ގަ އެވެ. އޭގެ ފަހުން ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށް ފަހު، މި އަހަރުގެ ކުރީކޮޅު ވީރް ދާސްގެ "ހެޕީ ޕަޓޭލް: ޚަތަރުނާކް ޖާސޫސް"ގައި ކުޑަ ކެމިއޯ ރޯލެއް ކުޅުނެވެ. 

"ޖާނޭ ތޫ ޔާ ޖާނޭ ނާ" އާއި "މޭރޭ ބްރަދާ ކީ ދުލްހަން" ކަހަލަ ފިލްމުތަކުން ބޮލީވުޑްގެ "ޗޮކްލެޓް ބޯއި"ގެ ނަމުން މަޝްހޫރުވި އިމްރާން އެނބުރި އަންނާތީ، އޭނާގެ ސަޕޯޓަރުން އަންނަނީ މި ފިލްމަށް ބޮޑު އިންތިޒާރެއް ކުރަމުންނެވެ.