ރާއްޖެ އައި އިރު، 1 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކާއި އެއާ ހަވާލުވާން ދިޔަ އެ ގައުމުގެ ތިން މީހަކު ހައްޔަރުކޮށްފި އެވެ. 

މި މީހުން ހައްޔަރުކޮށް ކޯޓުން ބަންދު އިތުރުކޮށް ނެރުނު އަމުރުތަކުން އެނގޭ ގޮތުގައި ރާއްޖެ އައި އިރު ލަގެޖުގައި ފޮރުވައިގެން މަސްތުވާތަކެތި ގެނައީ އަމިތު ކުމާރު، 36، އެވެ.

މި ތަކެތި ފެނުމުން ހިންގި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނުގައި ވަނީ އެއާ ހަވާލުވާން ދިޔަ އިންޑިއާގެ ތިން މީހަކު ވެސް އަތުލައިގެންފަ އެވެ. އެއީ ރާހުލް ނިޝާދު، 23، އާއި އަނިލް ކުމާރު، 26، އަދި އާކާޝް ޔަދާވް، 36، އެވެ. 

ކޯޓުން މި މީހުންގެ ބަންދަށް އިއްޔެ ދީފައި ވަނީ ދެ ދުވަހެވެ. އެއީ އެ މީހުންނަށް އަދި ތަރުޖަމާނަކު ހަމަޖެހިފައިނުވާތީ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އިހްސާން ނެރުއްވި އަމުރުތަކުގައިވެ އެވެ. 

މަސްތުވާތަކެތި އެތެރެކުރީ ގިނަ ބަޔަކު ބައިވެރިވެގެން ކަމަށާއި މި މައްސަލާގައި ހައްޔަރުކުރި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް އަމުރުތަކުގައި ބުނެފައިވެ އެވެ. 

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި މި ފަހުން އިންޑިއާގެ ގިނަ އަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް މައްސަލައެއްގައި ދިފާއީ ވަކީލަކު ކޯޓުގައި ވިދާޅުވި ގޮތުގައި ހައްޔަރުކުރި ބައެއް މީހުންނަކީ ގުރުއަތަކުން ހޮވިގެން ނަސީބުވެރިން ކަމަށް ބުނެ ބަޔަކު ރާއްޖެއަށް ފޮނުވި މީހުންނެވެ. އެ މީހުން ގެނައި ތަކެއްޗަކީ ރާއްޖެއަށް ވިއްކާ މުދަލެއްގެ ސާމްޕަލް ކަމަށް ބުނެ އެ މީހުންނާ ހަވާލުކުރި ތަކެތި ކަމަށް ވެސް ވިދާޅުވި އެވެ.

 އެހެން މައްސަލައެއްގައި ނެރުނު ކޯޓު އަމުރެއްގައި ވަކީލާ ހަވާލާދީ ބުނެފައިވަނީ އެއީ އޮޅުވާލުމެއްގެ ތެރެއިން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބަޔަކު ބޭނުންކުރި ބައެއް ކަމަށާއި ހައްޔަރުކުރި ބައެއް ޒުވާނުންނަކީ ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުން ކަމަށެވެ.   ރާއްޖެ ގެނައީ ނަސީބުވެރިއަކަށް ގުރުއަތުން ހޮވިގެން ލިބުނު ފުރުސަތެއްގެ ގޮތުގައި ކަމަށާއި މި ބާވަތުގެ އެހެން ކޭސްތަކެއްގައި ވެސް "މައުސޫމު ކުދިންތަކަކަށް އޮޅުވާލައިގެން" ޑްރަގް ގެނެސްފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. 

ފުލުހުން ވެސް އޭރު ކޯޓުގައި ބުނީ މި ޕެޓާނަށް ކުށުގެ އަމަލު ހިންގާފައިވާ ހަތަރު ކޭސް އެބަ އޮތް ކަމަށާއި ނަމަވެސް ކުށުގެ އަމަލުގައި މި މީހުން ބައިވެރިވުން އޮތް ކަމަށް ބެލެވޭ ގޮތް އެ ހުރިހާ މައްސަލައެއްގައި ވެސް ތަފާތު ކަމަށެވެ. އެކަން މޯބައިލް ފޮރެންސިކް ރިޕޯޓަށް ބަލާއިރު އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.

 ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާގެ މީހުން އިތުރުވެފައި ވާތީ އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އޭޕްރީލް މަހު ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަމަށް ސަމާލުވާން ވެސް އެދިފަ އެވެ.  

 އެއާޕޯޓްތަކާއި ކަނޑު ބަނދަރުތަކާއި ޓްރާންސިޓް ޕޮއިންޓްތަކުން، ދަތުރުކުރާއިރު، ގޮތް ނޭނގޭ މީހުން ދޭ އެއްޗިއްސާ ހަވާލު ނުވުމަށާއި އެ މީހެއްގެ އަމިއްލަ ދަބަސްތަކާއި ފޮށި ފަދަ ތަކެއްޗަށް އަބަދުވެސް ސަމާލުވެ ތިބުމަށް އެންސީބީން ވަނީ ލަފާ ދީފަ އެވެ.