ލ. ގަމުގައި ކުޑަކުއްޖަކު ކަރަންޓުގައި ޖެހުނު ހާދިސާގެ ތަހުގީގު ކުރިއަށް ދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 

އެ މައްސަލައިގެ އިތުރު ތަފުސީލެއް ނުދީ ފުލުހުން ބުނީ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. 

މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ގަމުގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު ކަރަންޓުގައި ޖެހުނީ އީދު ހުޅުޖަހަން އަތިރިމަތީގައި ތައްޔާރުކޮށްފައި އޮތް ސަރަހައްދު އަލިކުރަން ބޮތްކެއް ދިއްލަން ކަރަންޓު ކޭބަލެއް އަޅަން އެ ރަށު ކޮމިއުނިޓީ ބީޗު ޕާކުގައި ހުރި ފޮއްޓަކުން ކަރަންޓު ނަގަން އުޅުމުގެ ތެރޭގަ އެވެ.

ކަރަންޓުގައި ޖެހުނު ކުއްޖާގެ މަންމަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ އޭނާގެ ދަރިފުޅު މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި، އަދި ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. 

ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ މެދުގައި އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ. އޭނާ ތުހުމަތުކުރި ގޮތުގައި، މިކަން ހިނގީ އާންމުންގެ ރައްކާތެރިކަމަށް ކަނޑައެޅިގެން އިހުމާލުވެފައި އޮތުމުގެ ސަބަބުންނެވެ. 

"އާންމުންގެ ރައްކާތެރިކަމާ ގުޅުންހުރި ކަންކަން، މިސާލަކަށް ކަރަންޓު ފޮށިތައް ކަހަލަ ތަންތަނަކީ މިއަށް ވުރެ ޒިންމާދާރު ކަމާ އެކު ބެލެހެއްޓެން ޖެހޭނެ ތަންތަން. އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނާއި އާންމުންގެ ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ގޮތްގޮތަށް، ފަސޭހައިން އަތްފޯރާ ފަށުގައި އެފަދަ ތަންތަން ހުރެގެން ނުވާނެ،" އިނގިރޭސި ބަހުން އެ ކުއްޖާގެ މަންމަ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި ލިޔެފައިވެ އެވެ. 

ކުއްޖާގެ މަންމަ ބުނި ގޮތުގައި، ކަރަންޓުގެ މައްސަލައެއް ނުވަތަ ޝޯޓެއްވި ވަގުތު، ސާކިޓް ޓްރިޕްވެ، ކަރަންޓު ކެނޑެން ޖެހޭނެ ކަމަށާއި، މި ހާދިސާގައި އެގޮތަށް ވެފައި ނެތް ކަމަށެވެ. އެއީ ރައްކާތެރިކަމުގެ ނިޒާމު ފެއިލްވުމުގެ ސަބަބުން ކަމަށާއި އެހެންވެ އެ ކުއްޖާގެ ހަށިގަނޑަށް ގިނައިރުތަކެއް ވަންދެން ކަރަންޓު އައިސްފައި ހުރި ކަމަށް ބުނެފައިވެ އެވެ. 

މި މައްސަލަ ތަހުގީގުކޮށް، މިފަދަ ހިތާމަވެރި ހާދިސާތައް ދެން ތަކުރާރު ނުވާނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން، އެ ރަށަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނަށް އެ ކުއްޖާގެ މަންމަ ވަނީ ގޮވާލައިފަ އެވެ. 

ސީން އޮތީ ރޫޅާލައިފައި

ގަމު ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރު އިއްޔެ "މިހާރު" އަށް ވިދާޅުވީ މި ހާދިސާ ހިނގި ކަމަށް ބެލެވެނީ ފުރާވަރުގެ ކުދިންކޮޅެއް އަތިރިމަތި އަލިކުރަން ބޮތްކެއް ހަރުކުރަން އެތަނަށް ކަރަންޓު ގެންދަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެ ޕާކު ކައިރީގައި ހުރި ފޮށީގައި އީއެލްސީބީ ހަރުކޮށްފައިވާއިރު، އެ ފޮށިން ކަރަންޓު ނަގައިގެން ބޭނުންކުރާ ބޯޑެއް ވެސް އެތަނުގައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެއްވެސް ބަޔަކަށް ޔަގީނެއް ނުކުރެވޭ އެތަނުން ޔޫސްކުރީ ކޯއްޗެއް ކަމެއް. އެތަނުގައި އިނީ މިދިޔަ ބޮޑު އީދުގައި، ކުރިން ބޮޑު އީދުގައި ވަގުތީ ގޮތުން، ބައިބަލާ ކުޅެންވެގެން ކޯޓަކަށް ލައިޓް އަޅަންވެގެން ވަގުތީ ގޮތުން އަޅާފައި އޮތް ފޮއްޓެއް. އޭގައި އިނީ ތަޅުވެސް ލާފައި. އެކަމަކު، އެ ފޮށިތަކުގައިވާ ގޮތަކީ ހުޅުވޭނެ ނަރުކެނޑިއެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން ވެސް،" އަފްސަލް ވިދާޅުވި އެވެ.  

"އެ ކުދިން އަމިއްލައަށް އެ ފޮށި ހުޅުވައިގެން ކަމެއް، އެއަށް ގުޅައިގެން ކަމެއް ވެސް ނޭނގެޔޭ. ނޫނީ އެތަނުގައި ރަނގަޅަށް އިން އީއެލްސީބީ ލާފައި އިން ސޮކެޓަށް [ބޯޑަށް] ގުޅައިގެން ކަމެއް ވެސް ނޭނގެޔޭ، އެ ވާގަނޑު ބޭނުންކުރީ."

އަފްސަލް ވިދާޅުވީ ފުލުހުން ސީންއަށް ދިޔައިރު ބޯޑުގެ ވާގަޑު އެތަނުގައި ނެތް ކަމަށާއި ސީން ވެސް އޮތީ ރޫޅާލައިފައި ކަމަށެވެ. 

އެ ކުދިން އެތަނުން ކަރަންޓު ނަގަން އުޅޭކަން ފެނަކަ ކޯޕަރޭޝަނާއި ކައުންސިލަށް ވެސް އަންގާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

އީއެލްސީބީ ނުވަތަ އާތު-ލީކޭޖު ސާކިޓް ބްރޭކަރަކީ ކަރަންޓު ޝޮކުން ރައްކާތެރިވުމަށް ބިމުގެ އިމްޕީޑަންސް މަތި ކަރަންޓު ވިއުގާތަކުގައި ބޭނުންކުރާ ސަލާމަތީ ވަސީލަތެކެވެ.

"ކަރަންޓު ނަގަން ހުއްދައެއް ނުހޯދާ"

ފެނަކައިގެ އޮފިޝަލަކު "މިހާރު"އަށް މިއަދު ވިދާޅުވީ ގަމުގެ ކޮމިއުނިޓީ ޕާކު ކައިރީގައި ހުރި ފޮށީގައި އީއެލްސީބީ ހަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ފޮށިން ކަރަންޓު ނަގައިގެން ބޭނުންކުރާ ބޯޑެއް އެތަނުގައި ހުރިއިރު، އޭގެ އީއެލްސީބީ އޮތީ ހަލާކުވެފައިކަން މިހާތަނަށް ބެލިބެލުމުން އެނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އިންޓާނަލް އިންވެސްޓިގޭޝަންގައި ބެލިބެލުމުން އެނގޭ ގޮތުގައި، އެ ކުދިން ކަރަންޓު ބޭނުންކުރީ އެތާ ހުރި މަގުބައްތިއަކުން ނަގައިގެން ކަމަށާއި އެ ލައިޓުގައި އީއެލްސީބީ ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މަގުބައްތިތަކުގައި އީއެލްސީބީ ހުރިތޯ ޔަގީންކުރުމަކީ ކައުންސިލްތަކުގެ ޒިންމާއެއް ކަމަށާއި ފެނަކައިން ހަމައެކަނި ކޮށްދޭ ކަމަކީ ކަރަންޓު ގުޅައިދިނުން ކަމަށެވެ. މި ކަހަލަ ހާދިސާތައް ކުރިން ވެސް ހިނގާފައި ވާތީ، މަގުބައްތިތައް ޗެކުކޮށް އީއެލްސީބީ ހަރުކުރަން ކައުންސިލްތަކަށް އަންގާފައި ވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

ފެނަކައިން 2024 ވަނަ އަހަރު ހިންގި އަމިއްލަ އިންސްޕެކްޝަނަކުން އެނގުނު ގޮތުގައި، އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދޭ ގިނަ ރަށްރަށުގައި ހަރުކޮށްފައިވާ މަގު ބައްތިތަކަށް ކަރަންޓު ދީފައި ހުރީ އީއެލްސީބީއާ ނުލަ އެވެ. އެ މައްސަލައިގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ އެ ކުންފުނި 50،000ރ. އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ. އެހެންވެ، އެކަން ހައްލުކުރަން ސަރުކާރުން ކައުންސިލްތަކަށް އޭރު މުއްދަތެއް ދިނެވެ. 

މަގު ބައްތިތަކަށް އީއެލްސީބީ ނުލާ މައްސަލަ އެ ފަހަރު ވެސް ފެންމަތިވީ ފުރާވަރުގެ ކުއްޖަކު ކަރަންޓުގައި ޖެހި މަރުވި ހާދިސާއަށް ފަހުގަ އެވެ. ރ. އުނގޫފާރުގައި ހިނގި އެ ހާދިސާގައި 18 އަހަރުގެ ކުއްޖަކު މަރުވީ މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސް ހުއްޓައި، އެ ފެންގަނޑަށް އެރުނު ވަގުތު ކަރަންޓުގައި ޖެހިގެންނެވެ.