ސިވިލް އިންޖީނިއަރިންގެ ރޮނގުން އިންޑިއާ އިން ހަތަރު އަހަރުގެ ޑިގްރީ ނިންމާފައި މުހައްމަދު ޖިނާން ސައީދު ރާއްޖެ އައި އިރު ހައުސިން މިނިސްޓްރީން އޮތީ ސިވިލް އިންޖީނިއަރެއްގެ ވަޒީފާ އަށް ހުޅުވާލައިފަ އެވެ. އެއާ އެކު، ވަރަށް ޒުވާން އުމުރުގައި އޭނާގެ އަތުގައި ހިފީ ބޮޑު ނަސީބެކެވެ.

މަގު ހެދުމަށް ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއު، ލާމު އަތޮޅުގެ ރަށްތައް ގުޅުވާލި ލިންކު ރޯޑުގެ ޕްރޮޖެކްޓު ލީޑުކުރަން ޖިނާނާ ހަވާލުކުރި އެވެ. އެ މަޝްރޫއަށް ކަނޑައެޅި ޓައިމްލައިންގައި ބަޖެޓުގެ ތެރެއިން ރަނގަޅު ފެންވަރުގައި އެ މަގުގެ މަޝްރޫއު ނިންމާލެވުމަކީ، ޖިނާން ބުުނި ގޮތުގައި އޭނާ އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. 

ލާމު އަތޮޅު ލިންކު ރޯޑު. މި ޕްރޮޖެކްޓުގެ އިންޖީނިއަރަކަށް ހުރީ ޖިނާން-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ
ލާމު އަތޮޅު ލިންކު ރޯޑު. މި ޕްރޮޖެކްޓުގެ އިންޖީނިއަރަކަށް ހުރީ ޖިނާން-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ

"ފޮނަދޫން ފެށިގެން ގަމަށް، މީހުން ވަރަށް ދަތިކޮށް ދަތުރުކޮށް އުޅުނީ އޭރު. އެކަމަކު، ލިންކު ރޯޑާ ގުޅިގެން ދަތުރުފަތުރު ވަރަށް ބޮޑަށް ފަސޭހަވި. އެއީ ވަރަށް ހާއްސަ ޕްރޮޖެކްޓެއް،" ޑިސެމްބަރު، 2014 ގައި ފަށައި އޭގެ ދެ އަހަރު ފަހުން ނިންމި މަޝްރޫއާ ގުޅޭގޮތުން ޖިނާން ބުންޏެވެ. 

ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރާތާ 12 އަހަރު ވެފައިވާ ޖިނާން ބުނިގޮތުގައި އިންޖީނިއަރަކަށް އެންމެ މުހިއްމު އެއް ކަމަކީ، ޕްރޮޖެކްޓު ހަވާލުކުރާ ވަގުތުގައި ކޮލިޓީ އެންޝުއާކޮށް ބަޖެޓުގެ ތެރެއިން ނިންމާލުމެވެ. 

ލާމުގެ ހަތަރު ރަށް ގުޅުވާލި ލިންކު ރޯޑުގައި ތާރު އަޅަމުން ދިޔައިރު، ސަރުކާރުން އޭރު ވަނީ ސިނަމާލެ ބްރިޖުގެ މަސައްކަތްތައް ވެސް ފަށައިފަ އެވެ. އެ ޕްރޮޖެކްޓަށް ނެގި އެސިސްޓެންޓު އިންޖިނިއަރުންގެ ޓީމުގައި ހިމެނުމަކީ، ޖިނާންގެ ކެރިއަރުގައި މިހާތަނަށް ލިބުނު އެއް ކާމިޔާބީކަން އޭނާ ފާހަގަކުރެ އެވެ. 

ޕްރޮޖެކްޓު ސައިޓެއްގައި މިނިސްޓަރު މުއްތަލިބުގެ އަރިހުގައި ޖިނާން (ކ) މަޑުކޮށްލައިގެން.-- ފޮޓޯ: ހައުސިން މިނިސްޓްރީ
ޕްރޮޖެކްޓު ސައިޓެއްގައި މިނިސްޓަރު މުއްތަލިބުގެ އަރިހުގައި ޖިނާން (ކ) މަޑުކޮށްލައިގެން.-- ފޮޓޯ: ހައުސިން މިނިސްޓްރީ

"ދުވަހަކު ވެސް ހިތަކަށް ނާރާ މި ކަހަލަ ބޮޑު ޕްރޮޖެކްޓެއްގައި، ސަރުކާރުގެ އެންމެ ބޮޑު އެއް ސްޓްރެޓެޖިކް ޕްރޮޖެކްޓުގައި، ކެރިއާގެ މިހާ އާލީ ސްޓޭޖުގައި އުޅުމުގެ ފުރުސަތު ލިބޭނެއެކޭ،" އުމުރުން މިހާރު 36 އަހަރުގެ ޖިނާން ބުންޏެވެ.

"މާލޭގައި 2018 ވަނަ އަހަރު ބްރިޖާ ގުޅިގެން ހެދުނު މަގުތައް، އެ ވެސް ވަރަށް ހާއްސަ ޕްރޮޖެކްޓުތަކެއް. އޭގެ ޑިޒައިނުން ފެށިގެން އޭގެ އިމްޕްލިމެންޓޭޝަނާ ހަމައަށް މަސައްކަތްކުރަން ފުރުސަތު ލިބުނު،"

ޖިނާން ބުނީ ސިނަމާލެ ބްރިޖު މަޝްރޫއުގައި އޭނާގެ މައިގަނޑު ޒިންމާއަކަށް އޮތީ ޕްރޮޖެކްޓު އިންސްޕެކްޓު ކުރުން ކަމަށެވެ. އެ މަޝްރޫއުގެ ކޮލެޓީ ބެލުމަށް ނެގި އަރުޕް ނަމަކަށް ކިޔާ ފާމްގެ އިންޖީނިއަރުންނާއެކު މަސައްކަތު ސައިޓުގައި ވެސް ގިނަ ވަގުތު ހޭދަކުރި އެވެ.

ސިނަމާލެ ބްރިޖު. އެ މަޝްރޫއުގެ އެސިސްޓެންޓު އިންޖީނިއަރަކަށް ޖިނާން މަސައްކަތްކުރ.-- ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު
ސިނަމާލެ ބްރިޖު. އެ މަޝްރޫއުގެ އެސިސްޓެންޓު އިންޖީނިއަރަކަށް ޖިނާން މަސައްކަތްކުރ.-- ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެއާއެކު، އޭނާއަށް ދަސްވި ފިލާވަޅުތަކާއެކު ޖިނާންގެ ގިނަ ވަގުތު މިހާރު ހޭދަވަނީ ތިލަމާލެ ބްރިޖު މަޝްރޫއަށެވެ. އެ ޕްރޮޖެކްޓުގެ އެންމެ ފުރަތަމަ ސްޓޭޖުން ފެށިގެން މާލެ-ވިލިމާލެ ގުޅާލުމާ ހަމައަށް ވެސް މިނިސްޓްރީގެ ފަރާތުން ޕްރޮޖެކްޓު އިންޖީނިއަރަކަށް އިސްކޮށް ހުރި ޖިނާންގެ ޒިންމާތައް ވަނީ ބޮޑުވެފަ އެވެ. 

ސިނަމާލެ ބްރިޖާ ހިލާފަށް ތިލަމާލެ ބްރިޖު އިންސްޕެކްޓުކުރަން މިނިސްޓްރީގެ އިންޖީނިއަރިންގެ ޓީމެއް އޮވެ އެވެ. ޖިނާންގެ ޒިންމާއަކީ އެ ޓީމުގެ ފަރާތުން މަސައްކަތްތައް ކުރިއަށްދާ ގޮތް ކައިރިން ބެލުމެވެ. 

ބޭރުގެ ކޮންސަލްޓެންޓުންނާއެކު ޖިނާން (މ)، ހައުސިން ނިސްޓްރީގައި.-- ފޮޓޯ: ހައުސިން މިނިސްޓްރީ
ބޭރުގެ ކޮންސަލްޓެންޓުންނާއެކު ޖިނާން (މ)، ހައުސިން ނިސްޓްރީގައި.-- ފޮޓޯ: ހައުސިން މިނިސްޓްރީ

"ބްރިޖު ޕްރޮޖެކްޓުގައި ދިމާވާ އިޝޫތަކާއި ކޮންޓްރެކްޓާ ފަރާތުން އަންނަ ރިކުއެސްޓުތަކާއި ކޮންސަލްޓަންޓު ހުއްޓަސް އެކަމަށް މިނިސްޓްރީގެ ފަރާތުން އެޕްރޫވަލް އަންނަ އެއްޗެހި އާދޭ. އެ ކަންކަމަށް ދުވަހުގެ ގިނަ ވަގުތު ހޭދަކުރަން ޖެހެނީ ހައްލު ކުރުމުގައި،" ޖިނާން ބުންޏެވެ. 

މިނިސްޓްރީގެ އެހެން ޕްރޮޖެކްޓުތަކާ އެކު، ދުވާލަކު 10 ވަރަކަށް ގަޑިއިރު ވެސް މަސައްކަތްކުރަން ޖެހެ އެވެ. ނަމަވެސް، އާއިލާގެ ފަރާތުން ހިފެހެއްޓުމެއް ނެތި ލިބޭ ސަޕޯޓަކީ އޭނާގެ އެންމެ ބޮޑު ހިތްވަރެވެ. 

ދާއިރާ ފުޅާވެއްޖެ، މުސްތަގުބަލެއް އެބައޮތް

ޖިނާން ކިޔަވައި ނިންމައިގެން ރާއްޖެ އައި އިރު ތިބީ އަތުން ގުނާލެވޭހާ މަދު ސިވިލް އިންޖީނިއަރުންނެވެ. ހިންގަން ބޭނުންވި ޕްރޮޖެކްޓުތަކާ އެއްވަރަށް މިނިސްޓްރީގައި މުވައްޒަފުން ވެސް މަދެވެ. 

ނަމަވެސް، މިދިޔަ އަހަރުތަކުގައި އެ މަންޒަރު ބަދަލުވެއްޖެ އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނީ. މިއީ، ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު މަޝްރޫއު-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނީ. މިއީ، ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު މަޝްރޫއު-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޖިނާން ބުނީ މިނިސްޓްރީގައި މަސައްކަތްކުރާ އިންޖީނިއަރުންގެ އަދަދު ކުރިއަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި ސިވިލް އިންޖީނިއަރުންގެ ހައްގުގައި ވަކާލާތު ކޮށްދޭނެ ޖަމިއްޔާއެއް އުފަންވެއްޖެ އެވެ. އެންމެ ފަހުން އިންޖީނިއަރުންނަކީ ގައުމުގެ މުހިއްމު ބައެއްކަމަށް ބަލައިގަނެ، އެ މީހުންގެ ދުވަސް މިއަދު ފާހަގަކޮށް އެވޯޑު ދޭން ވަނީ ނިންމައިފަ އެވެ. 

"ކިޔަވައި ނިންމާފައި އައިއިރު އިންޖީނިއަރިން ދާއިރާއޭ ބުނީމަ އެ ދާއިރާގައި ކުރަނީ ކީއްކަން ވެސް ނޭނގޭ ބައެއް މީހުން. އެކަމަކު، މިހާރު އެބަތިބި ފުދޭވަރަކަށް ޒުވާން އިންޖީނިއަރުން. އަދި ވެސް އެންމެ ދެކެން ބޭނުންވަނީ މިހާރު ކިޔަވާ ކުދިން އެ ދާއިރާއަށް ޝައުގުވެރިވެ، ސިވިލް އިންޖީނިއަރިންގެ ދާއިރާއިން ކުރިއަަރައިގެން ދާތަން." ޖިނާން ބުންޏެވެ. 

ސިވިލް އިންޖީނިއަރިންގައި ރާއްޖެ އިން ކުރިއަށް ދެވޭނެ ބައިވަރު މަގުތައް ހުރި ކަމަށް އޭނާ ގަބޫލުކުރެ އެވެ. އޯ ލެވެލް ނިންމާފައި ޕައިލެޓަކަށް ވުމަށް ދެކުނު ހުވަފެން، ސިވިލް އިންޖީނިއަރިންނަށް ބަދަލުވީ ސަބަބުތަކެއް އޮވެގެންނެވެ. އެ މިސާލު ޖިނާން އަންނަނީ ދައްކަމުންނެވެ.