ކޮލަމްބޯ (އޮކްޓޯބަރު 16) - ސިފައިންގެ ތެރޭން ރިޓަޔާކޮށްފައިވާ މީހަކު ދަންޖެހިގެން މަރުވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ދަންޖެހިގެން މަރުވި އޮފިސަރުގެ ޖީބުގައިވާ ނޯޓެއްގައި ވަނީ 2009 ވަނަ އަހަރު މަރާލި ނޫސްވެރިޔާ ލަސަންތާ ވިކްރަމަތުންގާގެ މަރުގެ ޒިންމާ އޭނާ އުފުލާ ކަމަށެވެ. އިންޓަލިޖެންސް އޮފިސަރަކަށް ކުރިން މަސައްކަތްކުރި ސިފައިންގެ މީހާ މަރުވެފައި ހުއްޓާ ފެނުނީ އޭނާގެ ގޭގަ އެވެ. ސިފައިންގެ އޮފިސަރު އަމިއްލަ އަށް މަރުވެފައި ހުއްޓާ ފެނިފައި މި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ނޫސްވެރިޔާ ވިކްރަމަތުންގާގެ މަރުގެ އާ ތަހުގީގެއް ފަށާފައި ވަނިކޮށެވެ.

"މަރުވި ސިފައިންގެ މީހާގެ ޖީބުގައިވާ ނޯޓަކީ ތެދު އެއްޗެއްތޯ ބެލުމަށް ތަހުގީގު ކުރަމުން މިދަނީ،" ފުލުހުންގެ ސީނިއާ އޮފިސަރަކު ބުންޏެވެ.

ވިކްރަމަތުންގާގެ މަރާ ގުޅިގެން އިންޓަލިޖެންސް އިތުރު އޮފިސަރެއް މިހާރު ވެސް ހުރީ ބަންދުގަ އެވެ.

ވިކްރަމަތުންގާ ޗީފް އެޑިޓަރުކަން ކުރަމުން ދިޔަ ސަންޑޭ ލީޑާ ނޫހަކީ ރާޖަޕަކްސާގެ ކޮއްކޮ އަދި ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާގެ ކޮރަޕްޝަނުގެ މައްސަލަތައް ފަޅާ އަރުވަމުން ދިޔަ ނޫހެކެވެ. އޭގެ ތެރޭގައި ހަތިޔާރު ގަނެގެން ނަގާފައިވާ ކަޓުތަކުގެ ވާހަކަ ވެސް އެ ނޫހުގައި ލިޔެފައިވެ އެވެ. ވިކްރަމަތުންގާ މަރާލާފައި ވަނީ ގޮތަބަޔާގެ ކޮރަޕްޝަނުގެ މައްސަލައެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ހެކި ބަސް ދިނުމަށް ތައްޔާރުވެފައި ވަނިކޮށެވެ.

ކޯޓު އަމުރަށް ފަހު ވިކްރަމަތުންގާގެ މަހާނަ ކައިރީ ފޯރިމަރަން ވަނީ ފަށާފައި.
ކޯޓު އަމުރަށް ފަހު ވިކްރަމަތުންގާގެ މަހާނަ ކައިރީ ފޯރިމަރަން ވަނީ ފަށާފައި.

ވިކްރަމަތުންގާ މަރުގެ ތަހުގީގު މިދިޔަ އަހަރު އަލުން ފަށާފައި ވަނީ މީހުން މަރާ ސްކޮޑެއް ގޮތަބަޔާ ގެންގުޅެފައިވާ ކަމަށާއި އެޑިޓަރު ވިކްރަމަތުންގާ މަރާލުމަށް ގޮތަބަޔާ އެންގެވި ކަމަށް ރާޖަޕަކްސާ ސަރުކާރުގެ މިނިސްޓަރަކު ވިދާޅުވުމާ ގުޅިގެންނެވެ. ފުލުހުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެފައި ވަނީ ވިކްރަމަތުންގާ މަރާލުމުގައި ސިފައިންގެ ދައުރެއް އޮތް ކަމަށެވެ.

ވިކްރަމަތުންގާ ވަނީ ޖެނުއަރީ 2009 ގައި ލިޔުނު އެޑިޓޯރިއަލްއެއްގައި ސަރުކާރުން އޭނާ މަރާލާނެ ކަމަށް ބެލެވޭ ކަމަށާ އަދި މަރުގެ ތަހުގީގު ވެސް ނުކުރާނެ ކަމަށް ލިޔެފަ އެވެ. އޭގެ ތިން ދުވަސް ފަހުން އޭނާ ވަނީ މަރާލައިފަ އެވެ. ކޮލަމްބޯގައި އޭނާ ގަޔަށް ހަމަލާ ދިނީ ކޮން ބައެއް ކަމެއް އަދިވެސް ނޭނގެ އެވެ. ވިކްރަމަތުންގާ މަރާލީ ލަންކާގައި ނޫސްވެރިންނަށް ފިއްތުންތައް ވަރަށް ބޮޑަށް ކުރިމަތިކޮށްފައިވާ ދުވަސްވަރެއްގަ އެވެ.

ވިކްރަމަތުންގާގެ މަރާ ގުޅިގެން ޖުލައި މަހު ވަނީ ސިފައިންގެ އިންޓަލިޖެންސް އޮފިސަރެއް ހައްޔަރުކޮށްފަ އެވެ. އަދި މިދިޔަ މަހު ކުރީކޮޅު ލަންކާގެ ފަނޑިޔާރަކު ވަނީ ވިކްރަމަތުންގާގެ ގަބުރު ކޮނެގެން ނަގާ އާ ތަހުގީގެއް ފެށުމަށް ހުއްދަ ދީފަ އެވެ. އެއީ ވިކްރަމަތުންގާގެ އޮޓޮޕްސީ ރިޕޯޓުގައި ފުށުއަރާ ކަންތައްތައް ހުރުމުންނެވެ.

ވިކްރަމަތުންގާ އާއި އޭނާގެ ބޭބެ މީގެ 22 އަހަރު ކުރިން ފެށި ސަންޑޭ ލީޑާ ނޫހުން ވަނީ ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ހިންގި އިންސާނިއްޔަތާ ޚިލާފު ވާހަކަތަކުގެ ވާހަކަ ވަރަށް ގިނައިން ލިޔެފަ އެވެ.

ރާޖަޕަކްސާގެ ވެރިކަމުގައި ވަނީ 17 ނޫސްވެރިންނާއި މީޑިއާ މުވައްޒަފުން މަރާލައިފަ އެވެ.

ލަންކާގައި 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ރާޖަޕަކްސާގެ މައްޗަށް ކުރި ހޯއްދެވި މައިތުރިޕާލާ ސިރިސޭނާ ވަނީ މީޑިއާގެ މިނިވަންކަން ހޯއްދަވައި ދެއްވާ ލަސަންތާގެ މަރުގެ އާ ތަހުގީގެއް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.