ބޭސް ކާއިރު ފެނުގެ ބަދަލުގައި ބައެއް މީހުން ބޮނީ ޖޫހެވެ. ނަމަވެސް ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ ބޭސް ކާއިރު ބޯންޖެހޭނީ ފެން ކަމަށެވެ. ޚާއްސަކޮށް، ހުތް މޭވާގެ ޖޫސް ބުއިމުން ބޭހުގެ އަސަރު ކުޑަވާނެ ކަމަށް ވެސް އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައި.އެމް.އޭ) އިން ވަނީ ބުނެފަ އެވެ.

ސިއްހީ ހޯދުންތަކުން ދައްކަނީ ބޭހާ އެކު ޖޫސް ބުއިމުން ހަށިގަނޑުގެ ތެރެއަށް ބޭސް އޮބިގެން ދިއުމަށް ދަތިވާ ކަމަށެވެ. ޚާއްސަކޮށް، ސިއްހީ ބޮޑެތި މައްސަލަތައް ކަމަށްވާ ލޭ މައްޗަށް ދިއުމާއި ހިތުގެ ބަލިތަކަށް ކާ ބޭސްތައް ބޭނުންކުރަންޖެހޭނީ ހަމައެކަނި ފެނާ އެކު އެވެ.

"އޮރެންޖު އަދި އާފަލު ފަދަ މޭވާގެ ޖޫސް ބޭސްކާއިރު ބުއިމުން ބައެއް ވައްތަރުގެ ބޭސް ހަށިގަނޑަށް އޮބިގެންދާ މިންވަރު މާ މަދެވެ. ނަތީޖާއަކަށް ވަނީ އެއިން ކުރަންވީ އެކަށީގެންވާ ފައިދާ ނުކުރުމެވެ.

އަނެއްކޮޅުން ބަލާއިރު ގްރޭޕް ފުރުޓް ޖޫހަކީ ބައެއް ބޭސް އަވަހަށް އޮބިގެން ދިއުމަށް އެހީތެރިވެދޭ އެއްޗެއްކަން ވެސް ފާހަގަ ކުރެވިފައިވެ އެވެ. މިކަމުގެ ސަބަބުން އާދައިގެ ބޭސްތައް ވެސް ވިހައަށް ބަދަލުވުން ވެސް އެކަށީގެންވާ ކަމަށް ކެނެޑާގެ ޔުނިވަސިޓީ އޮފް ވެސްޓަން އޮންޓާރިއޯ އިން ކޮށްފައިވާ ދިރާސާއަކާ ހަވާލާދެއްވައި އައިއެމްއޭގެ ސެކްރެޓަރީ ޖެނެރަލް ޑރ. ކޭ. އަގަރްވާލް ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ ބޭހާ އެކު ގްރޭޕްފުރުޓް ބޭނުންކުރަން ނުވާ ސަބަބު ވަރަށް ތަފްސީލުކޮށް ހާމަކޮށްފަ އެވެ.

"ބައެއް ކަހަލަ ބޭސްތައް، މިސާލަކަށް ސްޓެޓިންސް އަކީ ކޮލެސްޓްރޯލް ދަށްކުރަން ކާ ބޭހެއް. މި ބޭސް ކުޑަގޮހޮރުގެ ތެރޭގައި ހަލާކު ކުރަނީ އެންޒައިމްސް ޕްރޮޓީން އަކުން. ގްރޭޕްފުރުޓް ޖޫހުން މި އެންޒައިމްސް ބްލޮކް ކޮށްލުމަކީ ވެދާނެ ކަމެއް. މިއީ ހަށިގަނޑަށް އެބްސޯބްވާ ބޭހުގެ މިންވަރު އިތުރުވެ އޯވަޑޯޒް ވުމުގެ ނުރައްކާ އިތުރުވާނެ ކަމެއް،" އެފްޑީއޭ އިން ބުނެފައިވެ އެވެ.

"އެހެން ބައެއް ބޭސްތަކުގެ ތެރެއިން އެލާޖީއަށް ބޭނުންކުރާ އެލެގްރާ (ފެކްސޯފެނަޑިން) ހަށިގަނޑުގެ ސެލްތަކުގެ ތެރެއަށް ގެންދަނީ ޓްރާންސްޕޯޓާސް ކިޔާ ޕްރޮޓީން އެއްގެ އެހީގައި. ގްރޭޕްފުރުޓް ޖޫހުން ޓްރާންސްޕޯޓާސްގެ މަސައްކަތް ބްލޮކް ކުރުމަކީ އެކަށީގެންވާ ކަމެއް. މިއީ ހަށިގަނޑުގެ ތެރެއަށް އޮބިގެންދާ ބޭހުގެ މިންވަރު ދަށްވެ އެ ބޭހުން ކުރަންވީ އަސަރު ކުޑަވެގެންދާނެ ކަމެއް،" އެ ބުލެޓިންގައިވާ މައުލޫމާތުގައިވެ އެވެ.

ޑައިރެކްޓަ، އިންސްޓިޓިއުޓް އޮފް ލިވަ އެންޑް ބައިލިއަރީ ސައިންސަސް (އައިއެލްބީއެސް) ޑރ. އެސް.ކޭ. ސަރިން ވިދާޅުވީ މޭވާ ޖޫސް، ޚާއްސަކޮށް ހުތް މޭވާގެ ޖޫސް ބޭހާއެކު ބޭނުންކުރުމުން ހަށިގަނޑަށް ބޭސް އެބްސޯބްނުވާ ދެ ގޮތެއް އޮންނަ ކަމަށެވެ. ފުރަތަމަ ކަމަކީ ލޭގެ ޕީއެޗް – އެސިޑިޓީ ނުވަތަ ލޭގެ އަލްކަލައިނިޓީ އެވެ. ދެ ވަނަ ކަމަކީ ބޭސް ގުޅައިގެ ބޭރުގައި ލާފައި އިންނަ ފަށަލަ މާ އަވަހަށް ހަލާކުކޮށްލައިގެންނެވެ.

"ބޭހާ އެކު ޖޫސް ބޭނުންކުރުމުން ލިބޭ ގެއްލުންތަކާ ބެހޭ ދިރާސާއެއް އިންޑިއާގައި މިހާތަނަށް ހަދާފައެއް ނެތް. ނަމަވެސް އަހަރެމެން އާންމުކޮށް ބަލި މީހުން ގާތު ބުނަން އެހެން ގޮތަކަށް ކާން ނުބުނާ ނަމަ އަބަދުވެސް ފެން ތައްޓަކާ އެކު ބޭސް ކާށޭ،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވީ ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ބޭސް ފިހާރަތަކުގައި ބޭސް ވިއްކަން ތިބޭ ފާމަސިސްޓުން ވަކި ގޮތަކަށް ބޭސް ކެއުމަށް ބަލިމީހުންނަށް އިރުޝާދު ދޭކަމަށެވެ. އަދި ބައެއް ބޭސްތައް ޖޫހާ އެކު ބޭނުން ކުރެވިދާނެތޯ ނުވަތަ ނޫންތޯ އޮޅުން ފިލުވައިދޭ ކަމަށެވެ. ނަމަވެސް އިންޑިއާގައި އެގޮތަށް އޮޅުންފިލުވައިދިނުން މަދުކަން އޭނާ ފާހަގަކުރެއްވި އެވެ.

ފޯޓީސްގެ ޗެއާމަން ޑރ. އަނޫޕް މިޝްރާ ވިދާޅުވީ ބޭސް ސިޓީ އެންމެ ފުރިހަމަޔަށް ލިޔަނީ އިންޑިޔާގެ ޑޮކްޓަރުންގެ ތެރެއިން 20-30 ޕަސެންޓް މީހުން ކަމަށެވެ.

ބޭސްކާން ޖެހޭ ގަޑިތަކާއި ދުވަހުގެ ކޮން ވަގުތެއްގައިކަން އަދި ބޭސް ކާން ޖެހޭނީ ކިހިނެއްކަން ބޭސް ސިޓީގައި ލިޔެފައި ހުރުން ވަރަށް މުހިއްމު ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ. ހެދޭ އެންމެ ގޯހަކުން ވެސް ސައިޑް އިފެކްޓްސް ދިމާވެދާނެ އެވެ. މިސާލަކަށް ބަނޑުގެ ސައިޑްއިފެކްޓްސް މަދުކުރުމަށް އެސްޕްރިން ކާން ޖެހޭނީ ކެއުމަށް ފަހު އެވެ. ކިރާއި ކެލްސިއަމް އަޔަންއާ އެކު ބޭނުމެއް ނުކުރެވޭނެ އެވެ. ސަބަބަކީ ހަށިގަނޑުގެ ތެރެއަށް ބޭސް ވަންނަވަރު މަދުވެ ބޭހުގެ އަސަރު ކުޑަވާނެތީ އެވެ.