ދިރިއުޅުމުގެ ހަރަދުތައް އެންމެ ބޮޑީ ހޮންކޮންގްގައި

ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ސިޓީތަކުގެ ތެރޭގައި އޭޝިއާގެ 8 ސިޓީއެއް ހިމެނި އޭގެ ކުރީގައި އަނެއްކާ ވެސް ހޮންކޮންގް ހިމެނިއްޖެ އެވެ.


"މާސާޒް ގްލޯބަލް ޓެލެންޓް" ރިޕޯޓްގައި ބުނީ މިއީ ޗައިނާގެ ދަށުން ހިންގާ ހޮންކޮންގް ޖެހިޖެހިގެން ލިސްޓްގައި ހިމެނުނު ދެވަނަ ފަހަރު ކަމަށެވެ.

ދިރިއުޅުމުގެ ހަރަދުތައް އެންމެ ބޮޑު 10 ސިޓީގެ ގޮތުގައި ލިސްޓްކޮށްފައި ވަނީ އޭޝިއާގެ އެންމެ ތަރައްގީވެފައިވާ އެއް ސިޓީގެ ގޮތުގައި ފާހަގަ ކުރެވޭ ހޮންކޮންގްގެ އިތުރުން ޖަޕާނުގެ ވެރިރަށް ޓޯކިއޯ، ސިންގަޕޫރް، ދެކުނު ކޮރެއާގެ ވެރިރަށް ސޯލް، ސްވިޓްޒަލެންޑް، ޗައިނާގެ ޝަންހާއީ، ތުރުކެމިސްތާނުގެ އަޝްގަބަތު، ޗައިނާގެ ބެއިޖިން އެމެރިކާގެ ނިއު ޔޯކް އަދި ޗައިނާގެ ޝެންޒެން އެވެ.

ދިރިއުޅުމުގެ ހަރަދުތައް އެންމެ ބޮޑު ސިޓީތައް ކަނޑައަޅަނީ ބޯހިޔާވަހިކަމާއި ދަތުރު ފަތުރާއި އަސާސީ ހިދުމަތްތަކާއި ކެއުންބުއިމާއި އުނުނިވާކުރުމާއި ބޭސްފަރުވާ ފަދަ ދާއިރާތަކަށް ކުރަން ޖެހޭ ހަރަދުތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ.

ރިޕޯޓާ ބެހޭ ގޮތުން މާސާގެ ގްލޯބަލް މޯބިލިޓީ ޕްރޮޑަކްޓް ސޮލިއުޝަންސް ލީޑަރު ވޮން ޓްރޭބާ ވިދާޅުވީ އަގުބޮޑު ސިޓީތަކަށް ގިނަ ބަޔަކު ލޯބި ޖެހެނީ އެތަންތަން ތަރައްގީ ކުރުމުގައި ގެންގުޅޭ "ހިތް ދަމައިގަންނަ ސިފަތަކާ ހެދި" ކަމަށެވެ.

"އޭގެ ސަބަބުން އެތަންތަނަށް ދިރިއުޅުން ބަދަލު ކުރާ މީހުން އިތުރުވެ، ސިޓީތަކަށް އަންނަ އިންވެސްޓްމަންޓްތައް ވެސް އިތުރުވެ، ތަރައްގީ މައިދާނުގައި އިތުރު ހަރުފަތްތަކަށް ދާން މަގުފަހިވޭ،" އޭނާ ވިދާޅުވި އެވެ.

ދިރިއުޅުމުގެ ހަރަދުތައް އެންމެ ކުޑަ ތަންތަނުގެ ތެރޭގައި މި އަހަރު ފާހަގަކޮށްލެވެނީ ޕާކިސްތާނުގެ ކަރާޗީ، ނިކަރާގުއާގެ މެނަގުއާ، ގެމްބިއާގެ ބަންޖުލް، ޓިއުނީޝިއާގެ ޓިއުނިސް، އުތުރު މެސެޑޯނިއާގެ ސްކޮޕިއޭ، ޖޯޖިއާގެ ތިބްލީސީ، އުޒްބެކިސްތާނުގެ ތަޝްކެންޓް އަދި ކިރްގިސްތާނުގެ ބިޝްކެކެވެ.