އަލަށް ލައިންސަންސް ނަގާ މީހުންނަށް ރޭގަނޑު ދުއްވުން މަނާ

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އިނގިރޭސިވިލާތާއި ސްކޮޓްލެންޑާއި ވޭލްސްގައި އަލަށް ލައިސަންސް ނަގާ މީހުން ރޭގަނޑު ދުއްވުން މަނާކޮށްފި އެވެ.


ޑިޕާޓްމަންޓް ފޮ ޓްރާންސްޕޯޓް (ޑީއެފްޓީ) އިން ބުނި ގޮތުގައި މިކަހަލަ އުސޫލެއް ހަމަޖައްސަން ޖެހުނީ އަލަށް ލައިންސަންސް ނަގައިގެން ދުއްވާ ކޮންމެ ފަސް މީހަކުން އެކަކީ، ދުއްވާތާ ފުރަތަމަ އަހަރުގެ ތެރޭގައިި އެކްސިޑެންޓްގެ އެކި ހާދިސާތަކާ ކުރިމަތިވާ މީހެއްކަން ތަފާސްހިސާބުތަކުން ދައްކާތީ އެވެ. އެގޮތުން، ނުފަރިތަ މީހުން ދުއްވާ ވެހިކަލްތަކުގެ ސަބަބުން މަގުމަތީގެ ރައްކާތެރިކަން އިތުރަށް ގެއްލޭ ކަމަށް ބުންޏެވެ.

އެހެންވެ އަލަށް ލައިސަންސް ނަގާ މީހުންނަށް ވަކިން ހާއްސަކޮށް ރޭގަނޑު ކާރު ދުއްވުން މަނާ ވާނެ އެވެ.

ޑީއެފްޓީން ބުނި ގޮތުގައި އަލަށް އަމަލުކުރަން ފެށި އުސޫލާ އެކު، ލައިސަންސް ދޫކުރުމުގައި ވެހިކަލްތައް ދުއްވުމުގެ ތަޖުރިބާ ވަކި މުއްދަތަކަށް އޮތުމާއި ކަނޑައަޅާފައިވާ ވަކި އުމުރަކަށް ދިއުމުން ނޫނީ އިތުރު ފަސިންޖަރެއް ގޮވައިގެން ދަތުރު ނުކުރެވުން ކަހަލަ ކަންކަން ލައިންސަންސް ނިޒާމުގެ ތެރެއިން ބެލެހެއްޓިދާނެ އެވެ. އަދި އަންނަ އަހަރުން ފެށިގެން އުސޫލުތަކަށް އިތުރު ކަންކަން ވެސް އަންނާނެ ކަމަށް ބުންޏެވެ.

އިނގިރޭސިވިލާތުގެ ރޯޑް ސޭފްޓީ މިނިސްޓަރު މައިކަލް އެލިސް ވިދާޅުވި ގޮތުގައި "ރޯޑް ސޭފްޓީ އެކްޝަން ޕްލޭން" ގެ ދަށުން އަލަށް އަމަލު ކުރަން ފެށި އުސޫލަކީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭނެ މުހިއްމު ކަމެއް ކަމަށެވެ.

އިނގިރޭސި ރޯޑް ސޭފްޓީ މިނިސްޓަރު މައިކަލް އެލިސް.

"މިކަހަލަ ފިޔަވަޅުތައް އެޅުން މަޖުބޫރު. ހާއްސަކޮށް ޒުވާނުންނަށް ލައިސަންސް ދޫކުރާ އިރު، އެބަޖެހޭ ހަރުދަނާ އުސޫލުތަކެއް ވެސް ހަމަޖެހިފައި ހުންނަން،" އޭނާ ވިދާޅުވި އެވެ. "އަލަށް އަމަލު ކުރަން ފެށި އުސޫލުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ވެސް ސަލާމަތް ކުރެވޭނެ."

ނަމަވެސް އަލަށް އަލަށް އަމަލު ކުރަން ފެށި އުސޫލަށް ބައެއް މީހުން ވަނީ ފާޑު ކިޔައިފަ އެވެ. އަދި މި ނިންމުމުގެ ސަބަބުން ހާއްސަކޮށް ރޭގަނޑު ވަޒީފާތަކަށްދާ މީހުންނަށް ބޮޑު ބުރައަކަށް ވާނެ ކަމަށް ބުނެފައިވެ އެވެ.