ކާރެއް ހުއްޓުވި އިރު ދުއްވަން އިނީ ފަސް އަހަރުގެ ކުއްޖެއް

އެމެރިކާގެ ޓްރެފިކް ފުލުހުން ކާރެއް ހުއްޓުވި އިރު އެ ދުއްވަން ފަސް އަހަރުގެ ފިރިހެން ކުއްޖަކު އިނުމުން ބޮޑު ހައިރާންކަމެއް ލިބިއްޖެ އެވެ.


މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ޔުޓާގަ އެވެ. ފަސް އަހަރުގެ ކުއްޖާގެ ވާހަކަ ޔުޓާ ހައިވޭ ޕެޓްރޯލުން ވަނީ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެެ. އެ ކުއްޖާ ދުއްވި ކާރު ފުލުހުން ހުއްޓުވައި ޗެކްކުރަން ޖެހުނީ ޓްރެފިކް ސިގްނަލްތަކަށް ވެސް ބެލުމެއް ނެތި، އެގޮތް މިގޮތަށް ބާރު ސްޕީޑްގައި ކާރު ދުއްވުމުންނެވެ. ފުލުހުން ފުރަތަމަ ހީކުރީ އެ ކަހަލަ ގޮތަކަށް ކާރު ދުއްވީ ނުކުޅެދުންތެރިކަމެއް ހުރި މީހެއް ކަމަށެވެ.

ނަމަވެސް ކާރު ހުއްޓުވައި ބެލި އިރު ކާރު ދުއްވަން އިނީ ފަސް އަހަރުގެ ކުއްޖެކެވެ.

އެޑްރިއަން ނަމަކަށް ކިޔާ ކުއްޖާއާ ހަވާލާދީ ފުލުހުން ބުނީ ކާރުގައި އޭނާ ނުކުތީ ކާރެއް ގަނެނުދީގެން މަންމަ ދެކެ ހިތްހަމަނުޖެހިގެން ކަމަށެވެ. އަދި ކާރުގައި ނުކުތް އިރު، މަންމަ އާއި ބައްޕަ ތިބީ މަސައްކަތެއްގައި ކަމަށާއި ކާރުގައި ނުކުތްކަން އެ މީހުންނަށް ނޭނގޭނެ ކަމަށް ވެސް ބުންޏެވެ.

އެޑްރިއަން ފުލުހުންނަށް ކިޔައިދިން ގޮތުގައި އޭނާ ބޭނުންވީ ލަމްބާގިނީ ކާރެއް ގަންނާށެވެ. އެކަމާ މަންމައާ އަރައިރުންވާތާ ވެސް ދުވަސްކޮޅެއް ވެއްޖެ ކަމަށްވެ އެވެ. އެހެންވެ އަމިއްލަ އަށް ކާރެއް ގަންނަން ނުކުތީ ކަމަށް ބުންޏެވެ. އެކަމަކު އެޑްރިއަންގެ އަތުން ފުލުހުންނަށް ފެނުނީ އެންމެ 30 ޑޮލަރެވެ. ލަމްބާގިނީގެ އެންމެ އަގުހެޔޮ ކާރެއްގެ އަގު ވެސް 180،000 ޑޮލަރަށް އަރަ އެވެ.

ކާރު ދުއްވި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެޑްރިއަންގެ މައްސަލަ ޕްރޮސެކިއުޓްކޮށްދޭން އެދިފަ އެވެ. އަދި މިކަމަކީ އޭނާގެ މައިންބަފައިންގެ އިހުމާލުންވި ކަމެއް ކަމަށް ނިންމި ނަމަވެސް އެ މީހުންނަށް ދައުވާކުރާނެތޯ ނޫންތޯ އަދި ނުނިންމަ އެވެ.

ފުލުހުން ވަނީ ކުޑަކުދިންގެ އަތުހައި ޖެހޭ ހިސާބުގައި ވެހިކަލަތްކުގެ ތަޅުދަނޑިތައް ނުބޭއްވުމަށް ވެސް ހުރިހާ ބެލެނިވެރިންނަށް އިލްތިމާސްކޮށްފަ އެވެ.