މައިކްރޮސޮފްޓުން އިޓަލީ އަށް 1.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް

ކްލައުޑް ކޮމްޕިއުޓިންގެ ދާއިރާ ދުނިޔޭގެ އެކި ހިސާބުތަކުގައި ފުޅާކުރުމަށް މައިކްރޮސޮފްޓުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިޓަލީގައި 1.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ނިންމައިފި އެވެ.


މި މަޝްރޫއުގެ ދަށުން އިޓަލީގައި މުޅިން އަލަށް ރީޖަނަލް ޑޭޓާސެންޓަރަށް ގާއިމުކުރާނެ އެވެ. މިހާތަނަށް މައިކްރޮސޮފްޓްގެ ޑޭޓާސެންޓަރު ގާއިމުކޮށްފައި ވަނީ އެމެރިކާގަ އެވެ.

ބިލިއަން ޑޮލަރުގެ އިންވެސްމަންޓެއް އިޓަލީގައި ހިންގަން ނިންމިކަން މައިކްރޮސޮފްޓުން ހުކުރު ދުވަހު އިއުލާންކުރި އިރު، އެ ކުންފުންޏާ ވާދަވެރި އެމެޒޯންގެ ވެބް ސާވިސެސް އިން ވަނީ މިދިޔަ ހަފުތާގައި އިޓަލީގައި ޑޭޓާސެންޓަރެއް ހުޅުވައިފަ އެވެ. އަދި މިދިޔަ މާޗް މަހުގެ ތެރޭގައި ގޫގުލް އިން ވަނީ ވެސް މިފަދަ މަޝްރޫއެއް އިޓަލީގައި ކުރިއަށް ގެންދަން އެއްބަސްވުމެއް ހަދައިފަ އެވެ. އެއީ އެ ގައުމުގެ މުވާސަލާތީ ކުންފުނި ޓެލެކޮމް އިޓާލިއާއާ ގުޅިގެންނެވެ.

ޓެކް ދާއިރާގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ބޮޑެތި ކުންފުނިތަކުން އިޓަލީގައި ޓެކްނޮލޮޖީއާ ގުޅުން ހުރި ވަކިން ހާއްސަކޮށް ކްލައުޑް ކޮމްޕިއުޓިން ދާއިރާ އިން އިންވެސްޓްކުރުންވެގެން ދާނީ އެ ގައުމުގެ ކްލައުޑް މާކެޓް ވަރަށް ބޮޑަށް ފުޅާވެ، ވިޔަފާރީގެ ވާދަވެރިކަން ބޮޑުވެ، ފައިދާ އެތައް ގުނައަކުން އުފުލިގެން ދާނެ ކަމަކަށެވެ.

މައިކްރޮސޮފްޓްގެ ހެޑް އޮފް ގްލޯބަލް ސޭލްސް، މާކެޓިން އެންޑް އޮޕަރޭޝަންސް ޖިއާން-ފިލިޕް ކޯޓޮއިޒް ވިދާޅުވީ އިޓަލީގައި ކްލައުޑް ކޮމްޕިއުޓިން އަށް އިންވެސްޓްކުރަން ނިންމީ އެ ގައުމަކީ އެ ދާއިރާގެ މުސްތަގުބަލު ވަރަށް ބޮޑަށް އޮތް ގައުމަކަށްވާތީ އެވެ. އަދި އިންވެސްޓްކުރުމުގެ ނިންމުމާ ހަމައަށް ދިޔައީ ވަރަށް ގިނަ ދުވަހުގެ ދިރާސާތަކަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.

މައިކްރޮސޮފްޓުން ވަނީ 60 ސަރަހަދެއްގައި ކްލައުޑް ކޮމްޕިއުޓިން ދާއިރާ އިން އިންވެސްޓްކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ސްޕެއިނާއި ޕޯލެންޑް ހިމެނެ އެވެ.