ފައިސާ ލިބުން ލަސްވާތީ ކްލަބްތަކަށް އުނދަގޫތަކެއް

އެފްއޭއެމާއި ރާއްޖޭގެ ބައެއް ކުންފުނިތައް ގުޅިގެން ކްލަބްތަކަށް ދޭން ނިންމާފައިވާ ފައިސާ ލިބުން ލަސްވާތީ ކްލަބްތަކަށް މާލީ ގޮތުން ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.


އެފްއޭއެމުން ނިންމާފައިވަނީ ކްލަބްތަކަށް މާލީ އެހީތެރިކަން ދިނުމަށް 12 ކުންފުންޏަކާ އެކު އެއްބަސްވުން ހަދާށެވެ.

ކްލަބްތަކަށް ހަރަދުކުރާނެ ކުންފުނިތައް ކަނޑައެޅުމަށް ނިންމާފައިވަނީ ގުރުއަތުލައިގެންނެވެ. ބާރަ ކުންފުނީގެ ތެރެއިން މާލޭ ލީގުގެ ކޮންމެ ކްލަބަކަށް އަށް ކުންފުނި މެދުވެރިކޮށް 2 މިލިއަން ރުފިޔާ ދޭނެ އެވެ. މި ފައިސާ ދޭނީ ހަތަރު ކުއާޓާ އަށް ބަހާލައިގެންނެވެ. މާލޭ ލީގުން ޕްރިމިއާ ލީގަށް ހޮވޭ ހަތަރު ކްލަބަށް އިތުރު އެއް މިލިއަން ރުފިޔާ ދޭނެ އެވެ. އަނެއް ހަތަރު ކުންފުނިން ހަރަދުކުރާނީ މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އަންނަ ހަތަރު ޓީމަކަށެވެ. އޭގެން ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ.

ޓީމު އެކުލަވާލުމާއި ސްޕޮންސަރުން ހޯދުމަށް އުނދަގޫތަކެއް

ކޮންމެ އަހަރެއްގެ ކުރީކޮޅަކީ ކްލަބްތަކުން ބޮޑެތި ހަރަދުކޮށް ޓީމު އެކުލަވާލާ ދުވަސްވަރެވެ. ބޮޑު އަގުގައި ކުޅުންތެރިން ގަނެ މުޅި އަހަރަށް ޓީމެއް ބިނާކުރުމުގެ މަސައްކަތުގައި ހުރިހާ ކްލަބަކުން ވެސް އުޅެނީ އަވަދިނެތި އެވެ. ރާއްޖޭގެ ކުޅުންތެރިންގެ އަގު އަހަރަކުން އަހަރެއް އުފުލެމުން އަންނައިރު، ގެންނަ ބިދޭސީ ކުޅުންތެރިންނަށް ކްލަބްތަކުން ކުރާ ހޭދަ ވެސް އަންނަނީ އިތުރުވަމުންނެވެ.

މިދިޔަ އަހަރަށް ވުރެން މި އަހަރު ކްލަބްތަކަށް ގިނަ ކުރަން ނިންމާފައިވުމުން ކްލަބްތަކުން ކުރި ހަރަދު ވެސް މި ފަހަރު ނިސްބަތުން ގިނަ އެވެ. އަންނަ ހުކުރު ދުވަހު ސީޒަން ފަށާއިރު، ކްލަބްތަކަށް ލިބެން ޖެހޭ ފައިސާ ހަމަ ނުޖެހި އޮތުމުން ކްލަބްތަކަށް ވަނީ އުނދަގޫ ހާލަތެއް ކުރިމަތިވެފަ އެވެ.

"މިދިޔަ މަހުން ފެށިގެން ޕްރެކްޓިސް ކުރަމުން މި އަންނަނީ. އެފްއޭއެމުން ލިބޭނެ ލާރި އަށް ބަލައިގެން ޓީމު އެކުލަވާލީ. އެކަމަކު ސީޒަން ފަށާއިރު ވެސް އަދި އެބައި ހަމަނުޖެހި އޮތީމަ މިހާރު މިއޮތީ ކުރިއަށް ދިއުމަށް ދަތިވެފައި. ލޯނެއް ނަގައިގެން ކަންތައްތައް ހަމަޖައްސަމުން މިދަނީ،" ފުރަތަމަ ޑިވިޝަންގެ ކްލަބެއްގެ މެނޭޖަރު "މިހާރަ"ށް ބުންޏެވެ.

މިދިޔަ ސީޒަނުގައި ވިކްޓަރީގެ ޔާސިން (ވ) ކައިިރިން އީގަލްސްގެ ރާއިފް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ޑިވިޝަން ކްލަބްތަކުން އަހަރުގެ ކުރީކޮޅު ސްޕޮންސަރުންގެ ކަންތައްތައް ނިންމަ އެވެ. އަދި ސްޕޮންސަރުން އަތުން ލިބޭ ފައިސާ އިން ޓީމުގެ މެނޭޖްކުރާނެ ޕްލޭނެއް ހަދަ އެވެ. އަދި ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭނެ ފައިސާ ވެސް ނިންމަނީ އޭގެންނެވެ. އެފްއޭއެމުން މި ފަހަރު ކްލަބްތަކަށް ފައިސާދޭން ނިންމާފައިވަނީ ކުންފުނިތަކާ ގުޅިގެންނެވެ. އެހެން ކަމުން އެފްއޭއެމާއި އެ ކުންފުނިތަކުން އެއްބަސްނުވަނީސް ކްލަބްތަކަށް ސްޕޮންސަރެއް ހަމަޖެއްސުމުގައި ވެސް ދަތިތަކެއް އެބަހުއްޓެވެ.

"ސްޕޮންސަރުން ވެސް މި ތިބީ އެފްއޭއެމްއާ އެކު މަޝްވަރާ ކުރުމުގައި. އެހެންވުމުން އެ ކުންފުނިތަކުން މިވަގުތު ސްޕޮންސާ ދޭން ބޭނުމެއް ނުވޭ. އެއީ ކުންފުނިތަކުން ހަރަދުކުރާނެ ޓީމެއް ގުރުއަތުލައިގެން ނިންމާއިރު އެ ކުންފުންޏަކަށް ވެސް ނޯވޭ މިހާރު ކްލަބަކަށް ސްޕޮންސަކުރުމުގެ ފުރުސަތެއް. އެއީ ގުރުއަތުލައިގެން ދިމާވާނެ ކްލަބެއް ނޭނގޭތީ،" ފުރަތަމަ ޑިވިޝަން ކްލަބެއް ހިންގުމުގައި އިސްކޮށް އުޅޭ ފަރާތަކުން ބުންޏެވެ.

ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގެ ތެރެއިން މިހާތަނަށް ސްޕޮންސަޝިޕް އެއްބަސްވުމެއް ރަސްމީކޮށް އިއުލާންކުރި ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. މާޒިޔާގެ ސްޕޮންސަރަކަށް މި ފަހަރު ވެސް ހަމަޖެއްސީ އޭޑީކޭ އެވެ. މިއީ ރާއްޖޭގެ ދެ ވަނަ އަށް އެންމެ ބޮޑު ހޮސްޕިޓަލް ހިންގާ ކުންފުނިން މާޒިޔާ ސްޕޮންސާކުރި ހަތަރު ވަނަ ފަހަރެވެ.

ފައިސާ ދިނުން ލަސްވަނީ ކީއްވެ؟

މީގެ ކުރިން އެފްއޭއެމުން ހުރިހާ ކްލަބްތަކަށް ފައިސާ ދެމުން އައީ އެ އިދާރާގެ ބަޖެޓުންނެވެ. އެހެން ނަމަވެސް ފުޓްބޯޅަ ބަދަލުވަމުން އައުމާ އެކު އެފްއޭއެމުން ވެސް މިވަނީ ގިނަ ބަޔެއްގެ ބައިވެރިކުރުން ފުޓްބޯޅަ އަށް ވައްދަން ނިންމައިފަ އެވެ. މިގޮތުން ކުންފުނިތަކުގެ ބައިވެރިވުމާ އެކު ކްލަބްތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދޭން އެފްއޭއެމުން ބޭނުންވެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ފައިސާ ދިނުމުގެ ކަންތައްތައް ލަސްވަމުން އަންނަނީ ކުންފުނިތަކާ އެކު އެއްބަސްވާން ޖެހޭ ގިނަ ކަންތައްތައް ހުރުމުގެ އިތުރުން ޝަރުތުކުރާ ގިނަ ކަންތައްތަކެއް ވެސް ހުރުމުން ކަމަށެވެ.

"ކުންފުނިތަކާ މަޝްވަރާ ކުރަމުން މި ދަނީ. މި ހަފްތާ ތެރޭގައި އިތުރު ބައްދަލުވުމެއް ކުރިއަށްދާނެ. ހުރިހާ ކަމެއް ހަމަޖެހި ކުންފުނިތަކުން ކްލަބްތަކާ ހަމަައަށް ފައިސާ ދިނުމަށް އަދި ދެ ހަފްތާއެއް ވަރު ނަގާނެ،" ޖަވާޒް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ކުންފުނިތަކުން ކްލަބްތަކަށް ހަރަދުކުރަން އެއްބަސްވުމުގައި ގިނަ ޝަރުތުތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ކްލަބްގެ އެކެޑަމީއެއް އޮތުމާއި ގަވައިދުން ފުޓްބޯޅަ ނޫން އެހެން ކުޅިވަރެއްގައި ބައިވެރިވާ ކްލަބަކަށް ވުން ހިމެނެ އެވެ.

އެފްއޭއެމުން ބުނީ އޭގެ ބޭނުމަކީ ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކަށް ވެސް މީގެން ލިބެން އޮތް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި މި އެއްބަސްވުމުގެ ތެރެއިން ކްލަބްތަކުން އަދާކުރަން ޖެހޭ ގިނަ ޒިންމާތަކެއް ވެސް އޮންނާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.