ތިލަފުއްޓަށް ބަދަލުކުރަން ނިންމާފައިވާ މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކުރީ އިންޑިއާ ދުރުކުރުމަށް ފަހު، ވަކި ފަރާތަކަށް އިސްކަންދީގެން ކަމަށް ބުނެ ދެެކެވޭ ވާހަކަތައް ދިވެހި ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ވަނީ މި އަހަރުގެ ކުރީކޮޅު ބޮޑު މަޝްރޫއެއް ފަށައި، އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްފަ އެވެ.
އެކަމާ ގުޅިގެން ފާޑުކިޔައި އިންޑިއާ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، އެ ގައުމުގެ އެހީގައި ރާއްޖޭގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ، ތިލަފުށީގެ ބަނދަރު މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ އެވެ.
އެއީ ދިވެހި ސަރުކާރުން ޗައިނާ އަށް އިސްކަންދިނުން ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
އެ ވާހަކަތއް ދޮގުކޮށް ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ތިލަފުށި ބަނދަރުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ އުމްރާނީ މަޝްރޫއުތަކަށް ދިވެހި ސަރުކާރުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.
އެއީ ރާއްޖެއާ އެހެން ގައުމުތަކާ މެދު އޮތް ގުޅުމަށް ނުވަތަ އެކަމާ ގުޅިގެން ދެކޭ ގޮތަށް ބަދަލެއް އައިސްގެން ނިންމި ނިންމުމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ބަނދަރުގެ ތަރައްގީ ކުރުމާއި އެ ތަނުގެ މިލްކުވެރިކަމާއި ހިންގުމުގެ ހުރިހާ ބާރެއް ވެސް އޮންނާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"ރާއްޖޭގެ ސިޔާދަތަށް އެއްވެސް އުނިކަމެއް ނާންނާނެ. ސަރުކާރުގެ މޯލްޑިވްސް ފަސްޓް ހާރިޖީ ސިޔާސަތަކީ ރާއްޖޭގެ ގައުމީ މަސްލަހަތު އިސްކޮށް، ހުރިހާ ބައިނަލްއަގުވާމީ ބައިވެރިންނާ އެކު ވެސް ބިނާކުރަނިވި ގޮތެއްގައި ގުޅުން ދެމެހެއްޓުން،" އިކޮނޮމިކް މިނިސްޓްރީން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަނދަރު ބޭރު ބަޔަކާ ހަވާލުކުރަން އުޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ޕީއެންއެފް ޕާޓީގެ އެހެން ބައެއް އިސްބޭފުޅުން ވަނީ ތުހުމަތުކުރައްވައިފަ އެވެ.
މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސް ދާއިރާގެ ކުރިއެރުމާ އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކޮށް، މުދާ އުފުލައި ބޭލުމުގެ ނިޒާމު އަވަސްކުރުން ކަމަށް އެމްޕީއެލް އިން ބުނެފައިވެ އެވެ.
މި މަޝްރޫއު ނޮވެމްބަރު 11، 2027 ގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފައިފަ އެވެ.
މުޅި މަޝްރޫއު އެއްކޮށް ނިމޭއިރު ތިލަފުށީ ބަނދަރުގައި 1,000 މީޓަރަށް ވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއެއްގެ އިތުރުން، މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަކޮށް 2,000 މީޓަރަށް ވުރެ ދިގު ކީ-ވޯލް ހިމެނޭ ޑޮމެސްޓިކް ޓާމިނަލެއް އޮންނާނެ އެވެ.
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު، ތިލަފުއްޓަށް ބަދަލު ކުރާނެކަން ރައީސް މުއިއްޒު ވަނީ މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވައިފަ އެވެ.
ވިޔަފާރި ބަނދަރު، ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްވަރާތައް މީގެ ހަތް އަހަރު ކުރިން ވެސް ކުރި އެވެ. އެގޮތުން ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމަށް ހުރިހާ ސަރުކާރަކުން ވެސް ވިސްނުން ގެންގުޅުނު ނަމަވެސް މިހާތަނަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.