ރާއްޖެއަކާ ނުބެހޭނަން، ޗައިނާ އަހަރުމެންނަށް ނުރައްކާ ނުކުރާތި: އިންޑިއާ

ބޭރު ގައުމުތަކުން ރާއްޖޭގައި ކުރަމުން އަންނަ ކަންކަމާ ނުބެހޭނެ ކަމަށް ބުނެ، އިންޑިއާ އަށް ނުރައްކާވެދާނެ ފަދަ ކަމެއް ޗައިނާ އިން ވެސް ނުކުރުމަށް އިންޑިޔާ އިން މިއަދު އިންޒާރު ދީފި އެވެ.


"އިންޑިއަން އެކްސްޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ޗައިނާ ފަދަ ގައުމުތަކުގެ ނުފޫޒުތައް ހުއްޓުވައި، ދެކުނު އޭޝިއާގެ ސަރަހައްދުގެ ބާރުގެ ގޮތުގައި އިންޑިއާ ކުރިން އޮތް ކަމުގައިވިޔަސް، މިހާރު އެކަން މުޅިންހެން ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

"ސަރަހައްދުގެ ބާރަކީ އިންޑިއާއެކޭ ނުބުނެވޭނެ. ޗައިނާ އިން ރާއްޖެ ނޫނީ ނޭޕާލްގައި ކުރަމުން އަންނަ ކަންކަން ނުހުއްޓުވޭނެ. އެކަމަކު، އަހަރުމެންގެ ހިޔާލުތަކާއި އުސޫލުތައް ކިޔައިދެވޭނެ. އެއާ ހިލާފުވާ ނަމަ، އެކަމާ ޒިންމާދާރުވާން ޖެހޭނީ ބެއިޖިން (ޗައިނާ)،" އޮފިޝަލް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އާސިމް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ސަލާމް ކުރައްވަނީ.

ދެކުނު އޭޝިއާ ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިގްތިސާދީ ގޮތުން ގަދަވާތީ އަވައްޓެރި އިންޑިއާ އިން ދަނީ އެކަމާ ދެކޮޅު ހަދައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖެ-ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ރާއްޖޭގެ ތަރައްގީގެ ގިނަ ކަންކަމަށް އެ ގައުމުން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް ރާއްޖެ-އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ޗައިނާއާ ޚިލާފަށް ރާއްޖޭގެ ސިޔާސީ މައްސަލަތަކާ ފަހަކަށް އައިސް އިންޑިއާ އިން ބެހި، ގޮތް ކިޔަމުން ދާތީ ދިވެހި ސަރުކާރުގެ ބައެއް އިސް އޮފިޝަލުންގެ ނުރުހުން ވެސް އިންޑިއާ އަށް ވަނީ އަމާޒުވެފަ އެވެ.

އިންޑިއަން އެކްސްޕްރެސްގައިވާ ގޮތުން އެގައުމުގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކްލޭ ކައިރި މުސްތަގުބަލެއްގައި ސްރީ ލަންކާއަށާއި ބަނގްލަދޭޝް އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ އެވެ. އަދި އެ ދަތުރުފުޅު އޮތީކީ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ނޫން ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

ޗައިނާގެ "ސައުތު ޗައިނާ މޯނިން ޕޯސްޓް" އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފައިސަލް ވިދާޅުވީ އިންޑިއާ އާއި ޗައިނާ އަކީ ރާއްޖެ އަށް އެއްވަރަކަށް މުހިންމު ދެ ގައުމު ކަމަށާއި އެއިން އެއްވެސް ގައުމެއް ދޫކޮށްލައިގެން ދެކޮޅު ނުޖެއްސޭނެ ކަމަށެވެ.

ރާއްޖޭގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން އިންޑިއާ އިން ނެރުނު ބަޔާނުގައިވަނީ ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒުކޮށް ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ބޭއްވުމަށް ގޮވާލައިފަ އެވެ. ރާއްޖޭގެ ގާނޫނުއަސާސީގެ ހުރިހާ މާއްދާތަކެއް އަލުން އިއާދަކޮށް ސުޕްރީމް ކޯޓާއި ޝަރުއީ ނިޒާމު ފުރިހަމަކަމާ އެކު ހިންގުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.