ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުލާން ދާ އެންމެންނަށް ތިން ވޯޓު ކަރުދާސް ދޫނުކުރުމަކީ ކަންބޮޑުވުމެއް ކަމަށާއި އެއީ ވޯޓުގެ ސިއްރުކަން ގެއްލުވާލަންކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
މިހާރު ކުރިއަށްދާ ތިން އިންތިހާބުގައި ކޮންމެ މީހަކަށް ތިން ވޯޓުކަރުދާސް ދޭނެ އެވެ. އެ އިން ކޮންމެ ވޯޓު ކަރުދާހެއް ލާން ޖެހޭނީ، އެ ވޯޓު ކަރުދާހަށް ހާއްސަ ފޮއްޓަށެވެ. އެކަމަކު އެއިން ވަކި އިންތިހާބެއްގައި ވޯޓުލާން ބޭނުން ނުވާ ނަމަ އެކަން ބުނުމުން އެ ކަރުދާސް ނުދޭނެ އެވެ.
އީސީން ރޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ކައުންސިލު އިންތިހާބާއި އަންހެނުންގެ ކޮމެޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގެ ތެރެއިން އެ މީހަކު ބޭނުންވާ ވޯޓެއްގައި ބައިވެރިވެވޭނެ ކަމަށެވެ.
ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނަމަ، އެ މީހަކަށް ދޭނީ އެ އިންތިހާބެއްގެ ވޯޓު ދޭން ބޭނުންވާ ކަރުދާސް އެކަނި ކަމަށް ޒާހިދު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ނަގާ ތިން ވޯޓުގެ ކަރުދާސް ކޮންމެ މީހަކަށް ދޫނުކުރުމަކީ ވޯޓުގެ ސިއްރުކަން ގެއްލުވާލަން ކުރާ ކަމެއް ކަމަށެވެ. އެއީ ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކައި އެމީހުންގެ ވޯޓުލުމުގެ ހައްގަށް ހުރަސް އެޅުމަށް ސަރުކާރުން ބޭނުންވެގެން އީސީން ކުރާ ކަމެއްގެ ގޮތުގައި އެ ޕާޓީން ތުހުމަތުކުރި އެވެ.
އެމްޑީޕީން ވަނީ އެގޮތަށް އެކަން ނުކުރުމަށް ގޮވާލައިފަ އެވެ.
އީސީގެ ރައީސް ޒާހިދު ރޭ ވިދާޅުވީ ވޯޓުލާން ދާ މީހާ، ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނުވާ ހާލަތުގައި، އެކަން އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާން ކުރާނެ ކަމަށެވެ. އެގޮތަށް ހަދަނީ، އޭނާ ވިދާޅުވި ގޮތުގައި، ވޯޓު ލުމުގެ މަރުހަލާ އިތުރަށް ކުރިއަށްދާއިރު މައްސަލައެއް ކުރިމަތިވިޔަސް އެކަން އެންމެންނަށް އަންގާފައި ބޭއްވުމުގެ ގޮތުންނެވެ.
"ތިން ކަރުދާސްކޮޅު އަޅުގަނޑުމެން އޭނާއަށް ދޭނެ. ދެން އެއްވެސް މީހަކު ވަކި ލާން ބޭނުން ނޫން ކަމަށްވަންޏާ އެ ކަރުދާސްކޮޅެއް ނުދޭނެ. ނުދީ އަޅުގަނޑުމެން އިއުލާންކުރާނެ އިނގޭތޯ. އަޅުގަނޑމެން އިއުލާންކުރާނެ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް. މި ހާމަކޮށްފައި އިއުލާން ކުރާނެ،" އީސީގެ ރައީސް ވިދާޅުވި އެވެ.
"ސޯ އޮބްޒާވަރުންނާއި ހުރިހާ އެންމެނަށް އޭތި ނޯޓު ކުރެވި ފަހުން އޭތި ކެރީކުރުމުގައި އިންތިޒާމުތައް ހަމަޖެހިގެންދާނެ."