އޮކްސްފޯޑް-އަސްޓްރާޒެނެކާގެ އެހީގައި އިންޑިޔާ އިން އުފައްދާ "ކޮވިޝީލްޑް" ވެކްސިން ގޯސް ކަމަކަށް ވިދާޅުވެފައި ނުވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރި ވެކްސިންތަކުގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި، ހެލްތު މިނިސްޓްރީ ކައިރީ އިހުތިޖާޖު ކުރުމަށް ފަހު، އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމާއި ޕީއެންސީގެ ދެ ނައިބު ރައީސުން ދެއްކެވި ވާހަކަތަކާ ބެހޭ ގޮތުން "މިހާރު" ގައި ލިޔުނު ކޮލަމަކާ ގުޅިގެންނެވެ.
އަމިއްލަ ނަމުގައި މުންދު ނެރުއްވި ބަޔާނުގައި ވިދާޅުވީ މިދިޔަ ބުދަ ދުވަހު ބައެއް ޗެނަލްތަކުން ލައިވްކޮށް ދެއްކި އިދިކޮޅުގެ ނޫސްވެރިންގެ ބައްދަލުވުމަށް "މިހާރު"ގެ ނޫސްވެރިން ނުގޮސް އެ ބައްދަލުވުމާ ގުޅޭ ގޮތުން ލިޔެފައި ވަނީ ހަގީގަތާ ހިލާފު ވާހަތަކެއް ކަމަށެވެ. އެ ބައްދަލުވުމުގައި ހާމަކުރީ ޕީޕީއެމްގެ ހެލްތު އެޑްވައިޒަރީ ކޮމިޓީން ހެދި ދިރާސާއެއް ކަމަށާއި ދައްކާފައި ވާނީ މުހިންމު އަދި ސައްހަ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.ޗޮވިދ
ރާއްޖެ އަށް ގެނެސްފައިވާ ކޮވިޝީލްޑް ވެކްސިނަކީ އޮކްސްފޮޑް-އެކްސްޓްރަޒެނެކާގެ ސީޑް ފޯމިއުލާއިން އުފައްދާފައިވާ ވެކްސިނެއް ކަމަށާއި އެއީ އޮކްސްފޮޑް-އެކްސްޓްރަޒެނެކާ އިން ތައްޔާރު ކުރާ ވެކްސިނެއް ނޫން ކަމަށް މުންދު ވިދާޅުވި އެވެ. އެ ބާވަތާއި މަރުކާ އިނގިރޭސި ވިލާތާއި ކޮރެއާގައި ވެސް ތައްޔާރުކުރާ ކަމަށް ވިދާޅުވި އެވެ.
މުންދު ވިދާޅުވާ ގޮތުގައި، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގެ ބޮޑުކަމާއި ހުރި ތަޖުރިބާގެ ވާހަކަ އާއި އެ ފަރާތްތަކަށް ނިއުސް ބްރީފިންގައި ތައުރީފު ވެސް ކުރެއްވި އެވެ. އަދި ކޮވިޝީލްޑަކީ ގޯސް އެއްޗެއް ކަމަށް ވިދާޅުވެފައި ނޯންނާނެ ކަމަށާއި އޭނާ އެދިވަޑައިގަންނަވާ ގޮތަކީ ވީހާވެސް އަވަހަށް އެ ވެކްސިނަށް ޑަބްލިއުއެޗްއޯގެ އެޕްރޫވަލް ލިބުން ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
"...އެޕްރޫވަލް ލިބުމުން އިމަޖަންސީގައި ޖަހަން ޖާއިޒު އަދި މުނާސަބު ފަރާތްތަކަށް އެ ވެކްސިން ޖެހުން ރަނގަޅު ކަމަށް ދެންނެވިން. އެކަމަކު މި ވަގުތަކު ނޫން،" މުންދު ވިދާޅުވި އެވެ.
"މިހާރު" ގެ ކޮލަމަށް ފާޑު ވިދާޅުވެ، އެއީ ދޮގު ވާހަކަތަކެއް ކަމަށް މުންދު ވިދާޅުވި ނަމަވެސް އެ ލިޔުމުގައި ހަގީގަތާ ހިލާފަށް ދައްކާފައި ވަނީ ކޮން ވާހަކައެއް ކަމެއް މުންދު ވިދާޅެއް ނުވެ އެވެ.