ހއ. ދިއްދޫގައި ދަރިވަރުންނަށް ދަނާލެއް އެޅުމުގެ އެއްބަސްވުމެއްގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އެމްޓީސީސީއާ އެކު މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަށާޖެހޭ ސިޔާސަތުގެ ދަށުން އެ ރަށުގައި އަޅަން ނިންމި ތަނެކެވެ.

އެކަމަށް ބޭއްވި މަޝްރޫއުގެ އެއްބަސްވުމުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އާއިޝަތު ހިކްމާ އެވެ.

އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރް އަހުމަދް ޝަރީފް އަބްދުއްރަހްމާން ޔޫސުފެވެ.

އެ ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވި ގޮތުގައި މިއީ އެކި ސަބަބުތަކާ ހުރެ އަމަލީ ސިފައެއް ނައިސް ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތް މަޝްރޫއެކެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖަކު ހުރި ރަށަކުން ނުވަތަ އެންމެ ކައިރި ރަށަކުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދިއްދޫގައި ދަރިވަރުންނަށް ދަނާލެއް އެޅުމުގެ އެއްބަސްވުމެއްގައި އެމްޓީސީސީއާ އެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތް ބައެއް ބޭފުޅުން. -- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ
ދިއްދޫގައި ދަރިވަރުންނަށް ދަނާލެއް އެޅުމުގެ އެއްބަސްވުމެއްގައި އެމްޓީސީސީއާ އެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތް ބައެއް ބޭފުޅުން. -- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ

ދިއްދޫގައި އަޅަން ނިންމާފައިވާ އެކޮމަޑޭޝަން ބްލޮކަކީ ފާހާނާއާ އެކު ފަރުމާކޮށްފައިވާ ޒަމާނީ ފެންވަރުގެ 32 ކޮޓަރި ހިމެނޭ ތަނެކެވެ. ދަރިވަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ބަދިގެ، ޑައިނިންގް އޭރިއާ، ލޯންޑަރީ، ޖިމް އަދި ރެކްރިއޭޝަން އޭރިއާއެއް ވެސް އެ އިމާރާތުގައި ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދިއްދޫއަކީ ޖޫނިއާ ކޮލެޖް އެޅުމަށް ނިންމާފައިވާ ރަށެކެވެ. 

ދިއްދޫގައި ދަރިވަރުންނަށް ދަނާލެއް އެޅުމުގެ އެއްބަސްވުމެއްގައި އެމްޓީސީސީއާ އެކު މިއަދު ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ
ދިއްދޫގައި ދަރިވަރުންނަށް ދަނާލެއް އެޅުމުގެ އެއްބަސްވުމެއްގައި އެމްޓީސީސީއާ އެކު މިއަދު ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ

މިނިސްޓްރީން ބުނީ އެތަނުން ހޮސްޕިޓަލިޓީ، އޮޓޮމޯޓިވް، ވެލްޑިން އަދި އިންޖިނިއަރިން ފަދަ ޓެކްނިކަލް ދާއިރާތަކުން ޒުވާނުން ވޮކޭޝަނަލްކޮށް ތަމްރީނުކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ސޮއިކުރި މަޝްރޫއުގެ ސަބަބުން، އެ ކޮލެޖުން ތައުލީމު ހާސިލުކުރުމަށް ދާ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ފުރިހަމަވެ، ތައުލީމީ ދާއިރާއަށް އާދިރުމެއް ލިބިގެންދާނެ ކަމަށެވެ.