ކާރިސާތަކުގައި ބޭނުންކުރަން ޖަޕާނުން ރާއްޖެއަށް 4.3 މިލިއަން ޑޮލަރު (66 މިލިއަން ރުފިޔާ) ގެ އަގުހުރި ތަކެތި މިއަދު ހަދިޔާކޮށްފި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އިޖުތިމާއި އަދި ވިޔަފާރި ކުރިއަރުވަން އެހީދިނުމަށް މިދިޔަ 24 ވަނަ ދުވަހު ސޮއިކުރި އެގްރިމެންޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އަލިފާން ނިއްވާ 40 ޕަމްޕާއި ފެން ހިންދާ 40 ޕަމްޕް އަދި އެއާ ގުޅޭ ތަކެތި ހިމެނޭހެން ޖުމްލަ 4.3 މިލިއަން ޑޮލަރުގެ އަގުހުރި ސާމާނު ހަދިޔާކޮށްފައިވާ ކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ރާއްޖެއަށް ހަދިޔާ ކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ސަފީރު، އިޝިގާމީ ރޫމީކޯ އެވެ. އަދި އެންޑީއެމްއޭގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ސީއީއޯ ހިސާން ހަސަނެވެ.
އެ ރަސްމިއްޔާތުގައި ހިސާން ވިދާޅުވީ އެ ހަދިޔާކުރި ސާމާނުތަކުގެ ސަބަބުން ކާރިސާތަކުން އަރައިގަންނަން ރާއްޖެއިން ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް މުހިއްމު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ކާރިސާގެ ކަންކަން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހަރުދަނާކަމާއެކު ކުރިއަށް ގެންދަން މުޖުތަމައު ބާރުވެރިކުރުވުމަށް އެންޑީއެމްއޭއިން ކުރާ މަސައްކަތަށް އެ ޕްރޮޖެކްޓްގެ ސަބަބުން ކުރިއެރުން ލިބޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ޖަޕާން ސަފީރު ވިދާޅުވީ އެ އެހީއާއެކު ކާރިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް، އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްތަކާއި މުޖުތަމައުތަކަށް ލިބިގެންދާނެކަން ކަށަވަރު ވެގެންދާނެ ކަމަށެވެ. އަދި އެއީ ކާރިސާތަކަށް ރަށްތައް ތައްޔާރުވާކަން ކަށަވަރުކޮށް، ކާރިސާތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރު ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އެންޑީއެމްއޭއިން ބުނީ ޖަޕާނަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރަން ރާއްޖެއާއެކު ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށެވެ. އޭގެ ތެރެއިން، އެންޑީއެމްއޭ ތަރައްގީކޮށް 2015 އަދި 2017 ވަނަ އަހަރު އެ ގައުމުން ބޮޑެތި އެހީތަކެއް ދީފައިވާ ކަމަށް ބުންޏެވެ. ދާދިފަހުން ވެސް ޖަޕާނުން ވަނީ އިމަޖެންސީ ސަޕޯޓް ދެ ވެހިކަލް ފޯރުކޮށްދިނުމަށްޓަކައި ރާއްޖެއަށް 89,900 އެމެރިކާ ޑޮލަރު (1.3 މިލިއަން ރުފިޔާ) ގެ އެހީއެއް ދީފަ އެވެ.
އެ އެހީގެ ސަބަބުން މޫސުމީ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކާއި އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުންތަކުން ރައްކާތެރިވާން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބި، ހަރުދަނާ ގައުމެއްގެ ގޮތުގައި ރާއްޖެ ބިނާކުރުމަށް މަގުފަހިވާނެ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.