ހުޅުމާލޭގައި އޮތް ކާރެއްގެ ތެރެއިން ފެނުނު ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި އަހްމަދު މުޖާހިދާ އެ ކާރާ ގުޅުން ހުރިކަން އަންގައިދޭ ހެކީގެ ތެރޭގައި، ކާރުން ފެނުނު، މުޖާހިދުގެ ދަރިފުޅުގެ ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅައިފި އެވެ.
މިދިޔަ ހޯމަ ދުވަހު މުޖާހިދު، 29، ހައްޔަރުކޮށް އޭނާގެ ހާޒިރުގައި ކާރު ފާސްކޮށް 91 ޕެކެޓް ޑްރަގްސް ހޯދުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން ކޯޓުން ބަންދަށް ދިނީ އެއް ދުވަހެވެ. މި މުއްދަތު ހަމަވާތީ އިއްޔެ ކޯޓަށް ގެންދިއުމުން ބަންދަށް 14 ދުވަސް އިތުރުކޮށް ނެރުނު އަމުރުގައި ބުނެފައި ވަނީ ކާރާ މުޖާހިދާ ގުޅުން ހުރިކަން އަންގައިދޭ ހެކިތަކެއް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް ހެއްކަކީ މުޖާހިދުގެ ދަރިފުޅުގެ ވަރަށް ފަހުގެ ލިޔެކިޔުންތަކެކެވެ. މި ލިޔުންތަކަކީ ކުއްޖާގެ ވަރަށް މުހިންމު އަދި ވަރަށް ފަހުގެ އެއްޗެހިތަކެއް ކަމަށް ވާތީ އާއި މިއީ ކުއްޖާގެ ބެލެނިވެރިޔާގެ އަތުގައި ނޫނީ ހުރުން ނާދިރު އެއްޗެއް ކަމަށް ވާތީ ކާރާ މުޖާހިދާ ގުޅުވާލެވޭ ކަމަށް ބެލެވޭ ކަމަށް ގާޒީ އިސްމާއިލް ޝަފީއުގެ އަމުރުގައިވެ އެވެ.
ގދ. ހޯނޑެއްދޫ މީހެއް ކަމަށްވާ މުޖާހިދާ، ޑްރަގްސް ފެނުނު ކާރާ ގުޅުން ހުރިކަން އަންގައިދޭން ފުލުހުން ވަނީ މުޖާހިދާއި އިތުރު ބަޔަކު ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިިބިފައިވާ އިންޓެލިޖެންސް މައުލޫމާތާއި މުޖާހިދުގެ ހަރަކާތްތައް ދައްކައިދޭ ފޮޓޯ/ވީޑިއޯ ސްނެޕްޝޮޓްތަކާއި ޑްރަގްސް ހުރި ކާރުގައި މުޖާހިދު ދަތުރުކުރި ގޮތް ދައްކުވައިދޭ ސްނެޕްޝޮޓްތައް ވެސް ކޯޓަށް ހުށަހަޅައިފަ އެވެ.
މުޖާހިދު މަސްތުވާތަކެތި ހިފައިގެން ހުޅުމާލެއަށް ދިޔަކަމަށް ތުހުމަތުކުރެވޭ ކަމަށާއި މިކަމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވާ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބަހައްޓަން އަމުރުކުރެއްވީ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޑްރަގް އޮޕަރޭޝަންގައި މިހާތަނަށް 119 ކިލޯ ޑްރަގްސް ވަނީ ފެނިފަ އެވެ. އެންމެ ފުރަތަމަ ޑްރަގްސް ފެނުނީ އާދީއްތަ ދުވަހު، މާލޭގައި ދުއްވާފައި ދިޔަ ޓެކްސީއަކުންނެވެ. އޭގެ ފަހުން ވެސް އެއާ ގުޅުން އެތައް ބަޔަކު ހައްޔަރުކޮށް ތަންތަން ފާސްކޮށްފައިވެ އެވެ. މި ޑްރަގްތައް ރާއްޖެއަށް އެތެރެކޮށްފައި ވަނީ ޑްރަގް ނެޓްވޯކެއް ކަމަށް ތުހުމަތުކޮށް ދައުވާ އުފުލުމުން ދާދި ފަހުން ކުށް ސާބިތު ނުވެގެން ކްރިމިނަލް ކޯޓުން ދޫކޮށްލި ބަޔަކު ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ފުލުހުން މި އަހަރުގެ މިހާތަނަށް ވަނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 400 ކިލޯއަށްވުރެ ގިނަ ޑްރަގްސް އަތުލައިގެންފަ އެވެ. ނަމަވެސް މި މައްސަލަތަކުގައި ހިމެނޭ ގިނަ މީހުން އެކި ސަބަބުތަކާ ހެދި ކޯޓު މަރުހަލާއިން ވަނީ ސަލާމަތްވެފަ އެވެ.