ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަށް 25 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހަވާލު ކުރި ކަމަށް އޮޑިޓް ރިޕޯޓުގައި އޮތީ އޮޅުމަކުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފްގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ސިންގަލް ސިފައިންގެ ނުވަ ބުރީގެ އިމާރާތަށް ފަރުނީޗަރު ސަޕްލައި ކުރުމުގެ މަސައްކަތް ކުރުމަށް ސޯސް ޕްރޮކިއުމަންޓް އުސޫލުން 2019 ވަނަ އަހަރު 1.5 މިލިއަން ރުފިޔާ އަށް ސިފްކޯއާ ވަނީ ހަވާލުކޮށްފަ އެވެ. އަދި ޅ. މާފިލާފުށީގައި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރެއްގެ މަސައްކަތް ކުރުމަށް 16.4 މިލިއަން ރުފިޔާގެ މަޝްރޫއެއް ވެސް ހަމަ އެ އަހަރު ހަވާލު ކުރި އެވެ.
އޭގެ އިތުރުން އެމްއެންޑީއެފްގެ ހުޅުލެ ޕޯސްޓް ރީލޮކޭޓް ކުރުމަށް، 6.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ވެސް 2020 ވަނަ އަހަރު ހަވާލުކޮށްފައިވާ ކަމަށް އެ ރިޕޯޓްގައިވެއެވެ.
ސިފްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޮޓިޑް ރިޕޯޓްގައި ސިފްކޯ ކަމަށް ބުނެފައި ވިޔަސް، އެއިން އެއްވެސް މަޝްރޫއުއަކާ ގުޅުންހުރި އެއްވެސް މުއާމަލާތައް އެމްއެންޑީއެފްއާ އަދި އެހެން ވެސް ފަރާތަކާ އެކު ސިފްކޯއިން ހިންގާފައި ނުވާނެ ކަމަށެވެ. އަދި އެ މައްސަލަ ސިފްކޯގެ ފަރާތުން އޮޓިޑް އޮފީހަށް ހުށަހަޅައި، އެ ކުންފުނީގެ ނަން އެ ރިޕޯޓްގައި ބަޔާންކުރެވިފައި އޮތް އޮތުން މިހާރު އިސްލާހުކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެއީ ސިފައިންގެ ވެލްފެއާ ކުންފުނި "ސިވެކް" އިން ހިންގި މަޝްރޫއުތަކެކެވެ.
ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހިދުމަތް ހޯދާއިރު، ޕްރޮކިއުމަންޓުގެ އަގު 35،000ރ. އަށް ވުރެ ބޮޑުވާ ނަމަ، އެ ހިދުމަތެއް ހޯދަން ޖެހޭނީ އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ޔަގީންކުރުމަށް ފަހުގައި ކަމަށް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.
އެމްއެންޑީއެފް އިން ސިފްކޯއާ ހަވާލުކޮށްފައިވާ މަސައްކަތްތައް ނުނިމި، ދިގުލައިގެން ގޮސްފައިވާ ކަމަށާއި އެ މަސައްކަތް ލަސްވެފައި ވަނީ ސިފްކޯއާ ހަވާލުކުރުމުގެ ކުރިން އެ ކުންފުނީގެ އޮޕަރޭޝަނަލް ކެޕޭސިޓީ ރަނގަޅަށް ނުބެލޭތީ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ބައެއް މަސައްކަތްތަކަށް އެޑްވާންސްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ސިފްކޯ އަށް ދީފައިވާ ކަމަށާއި ނަމަވެސް ދައުލަތުގެ ބަޖެޓުން ހަރަދު ކުރަން ޖެހޭނީ މަސައްކަތް ނިންމާ ވަރަކުން ދެވޭ ޕްރޮގްރެސިވް ޕޭމަންޓެއް ގޮތުގައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ނޫން ނަމަ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރުން ދޭ އަހަންމިއްޔަތުކަން ކުޑަވެ، މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމަށް މަގުފަހިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ނިޔަލަށް އެމްއެންޑީއެފަށް ލިބެން ޖެހޭ 4.5 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާ މައްސަލަ އެވެ. އަދި އެ ފައިސާ ހޯދަން އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓުގައި ބުންޏެވެ.
ސިފްކޯ އަކީ އެމްއެންޑީއެފްގެ ތެރޭގައި ސިފައިންނަށް އެހީވުމަށް އުފައްދާފައިވާ ކޯޕަރޭޓިވްއެކެވެ.