ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި ހަދާ "ސިފްކޯހިޔާ"ގެ މަސައްކަތް ކުރި ކުންފުންޏަށް އިތުރަށް ފައިސާ ދީފައިވާ ކަމަށް، ޑިފެންސް މިިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިިޓް އޮފީހުން މިއަދު އާއްމު ކުރި، އެ މިިނިސްޓްރީގެ 2015 އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސިފްކޯހިޔާގެ މަސައްކަތް ކުރި "ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އެންސްޓަލް" އަށް، ފްލެޓްގެ މަސައްކަތް ނުނިމެނީސް ޑިފެންސް މިނިސްޓްރީން ވަނީ 125 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދީފަ އެވެ.
މާލިއްޔަތު ގަވައިދުގައި ބުނާގޮތުން އެއްލައްކަ އާއި 1.5 މިލިޔަން ރުފިޔާއާ ދެމެދުގެ އަގެއްގެ މަސައްކަތެއް ކުރާނަމަ އަގު ދައްކަން ޖެހޭނީ އެ މަސައްކަތެއް ނިމުމުންނެވެ. އެކަމަކު އެ މަސައްކަތް ނުނިމެނީސް ކުންފުންޏަށް އަގު ދައްކާފައިވާއިރު މަސައްކަތުގެ އެއްބަސްވުން މިދިޔަ އަހަރު ބާތިލްކޮށްފައިވާ ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ނޫމަޑި ރިސޯޓްސްއަށް ޑިފެންސުން ފައިސާ ދޫކޮށްފައިވަނީ ނިމޭ މަސައްކަތަށް ރިއާޔަތް ކުރުމުގެ ބަދަލުގައި ކަނޑައަޅާފައިވާ ތާވަލަކާ އެއްގޮތަށެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު، މަސައްކަތުގެ އެއްބަސްވުން ބާތިލް ކުރުމާ ހަަމައަށް އެ ކުންފުނިން ކުރި މަސައްކަތުގެ އަގަކީ 33 މިލިޔަން ރުފިޔާ އެވެ. ބާކީ ފައިސާގެ ގޮތުގައި 92 މިލިޔަން ރުފިޔާ އެ ކުންފުނިން ޑިފެންސް މިނިސްޓްރީ އަށް ދައްކަން ޖެހެ އެވެ.
އެ ފައިސާ އަނބުރާ ދައްކަން ނޫމަޑި ރިސޯޓްސް އިން އެއްބަސްވެފައިވީ ނަމަވެސް ފައިސާ ދެއްކުމަށް އެ ކުންފުނިން ދިން ދެ ޗެކު ވެސް ބައުންސްވެފައިވާ ކަަމަށް ރިޕޯޓުގައި ބުނެފައި ވެ އެވެ.
"ތަކެއްޗާއި ހިދުމަތް ހަމައަށް ލިބުނުތޯ ޔަގީން ނުކުރާނަމަ، ނުލިބޭ ހިދުމަތަކަށް ވެސް ފައިސާ ދެއްކި، މާލީ ގެއްލުމާއި ކުރިމަތިވުން އެކަށީގެންވެ އެވެ." އޮޑިޓް ރިޕޯޓުގައި ބުނެފައި ވެ އެވެ.
ސިފްކޯގެ ހިޔާގެ މަސައްކަތް މެދުކެނޑުމަށް ފަހު އަލުން އެ އިމާރާތުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި 2018އިގެ ކުރިން އެތަނުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ އެވެ.
ޑިފެންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި، ކޮރަޕްޝަނަށް މަގުފަހިވާ އެހެން ކަންތައްތަކެއް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން ލ. ގަމުގައި 160 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުގެ ވޭރިއޭޝަނެއްގެ ގޮތުގައި 79،535 ޑޮލަރު (1.2 މިލިޔަން ރުފިޔާ)ގެ ބިލެއް، ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ޑިޒަސްޓާ މެނޭޖްމެންޓް ސެންޓަރުން 2015 ވަނަ އަހަރު ދައްކާފައިވާއިރު، މި މަޝްރޫއާ ގުޅޭ އިތުރު މަސައްކަތްތަކެއް ކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގެން ނެތުމާއި އެ ވޭރިއޭޝަންގެ މަސައްކަތް ކުރުމަށް އެއްވެސް ފަރާތަކުން ހުއްދަ ދީފައިވާކަން އެނގެން ނެތް ކަމަށް ރިޕޯޓުގައި ބުނެފައި ވެ އެވެ.
މާލިއްޔަތު ގަވައިދުގައިވާ ގޮތުން، ދައުލަތުގެ މަސައްކަތެއް ކުރުމަށް އެއްވެސް ބަޔަކާ ހަވާލުކުރަން ވާނީ އެ މަސައްކަތަކާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި ވާ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ފަހުގަ އެވެ.
އޭގެ އިތުރުން އެކި ފަރާތްތަކުން އެ މިނިސްޓްރީ އަށް ދޭން ޖެހޭ ހަތް މިލިޔަނެއްހާ ރުފިޔާ ހުރި އިރު އެތަކެތި ހޯދުމަށް މިނިސްޓްރީން މަސައްކަތް ކޮށްފައި ނުވާކަން ވެސް ރިޕޯޓުގައި ވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ 2015 އަހަރު ނިމުނު އިރު ޑިފެންސް މިނިސްޓްރީން މާލީ ހަރަދުތައް ކޮށްފައިވަނީ، އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓްގެ މަގްސަދުތައް ހާސިލްވާ ގޮތަށް ކަމަށެވެ. އަދި ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް، މާލިއްޔަތު ގަވައިދާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެފައި ވެ އެވެ.