ޓިކްޓޮކުން މަގްބޫލުކަން ހޯދި، ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ވާއިރު، މަސްތުވާތަކެތި ހުރި ކޮތަޅު ގެއެއްގެ ފުރާޅުމައްޗަށް އެއްލައިލި ކަމަށް ރޫމީ ފުލުހުން ގާތު އެއްބަސްވެފައިވާ ކަމަށް ކޯޓުގައި ފުލުހުން ބުނެފި އެވެ.

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ފުލުހުން ވަނީ ރޫމީ ދިރިއުޅޭ ހ. ބުލޫބާޑްގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފަ އެވެ. އަދި ރޫމީ، 45، ގެ އިތުރުން އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް، 49، ވެސް ހައްޔަރުކުރި އެވެ.

މި ދެމަފިރިން ތަހުގީގަށް ބަންދުގައި ބައިތިއްބަން އިތުރު ތިން ދުވަސް ދީ ކްރިމިނަލް ކޯޓުން ރޭ ނެރުނު އަމުރުތަކުގައިވާ ގޮތުން ރޫމީ ވަނީ ފުލުހުން ގެއެއްގެ ފުރާޅުމަތިން ހޯދި މަސްތުވާތަކެތި ހުރި ކޮތަޅަކީ އޭނާގެ ފިރިމީހާގެ އެއްޗެއް ކަމަށް ފުލުހުން ގާތު ބުނެފަ އެވެ. އަދި އެ ކޮތަޅު އެތަނަށް އެއްލައިލީ ރޫމީ ކަމަށް ވެސް ބުންޏެވެ.

ދެމަފިރިންގެ ދިފާއީ ވަކީލުން ކޯޓުގައި ވިދާޅުވެފައިވަނީ ކޯޓް އަމުރު ހޯދާފައި އޮތީ ބްލޫބާޑްގެ ފާސްކުރަން ނަމަވެސް ފާސްކޮށްފައިވަނި ނުވިލާމަންޒިލް ކަމަށާއި އެހެންވެ ބަލައި ފާސްކުރުން ރަނގަޅު ނޫން ކަމަށެވެ. މަސްތުވާ އެއްޗެއް ބްލޫބާޑް ގެއިން އަދި ދެ މީހުންގެ އަތުން ވެސް ނުފެންނަ ކަމަށާއި މަސްތުވާތަކެތި ފެނުނީ މާ ދުރުގައި ހުރި ގެއެއްގައި އޮތް ކޮތަޅަކުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންވެ އެއީ މައްސަލާގައި ހިމެނޭ ދެ މީހުންނާ ގުޅުން ހުރި އެއްޗެއް ނޫން ކަމަށް ދިފާއުން ވަނީ ބުނެފަ އެވެ.

މަސްތުވާތަކެތި ހުރި ކޮތަޅު އެއްލައިލީ ރޫމީ ކަމަށް ފުލުހުން ގާތު އޭނާ ބުނެފައި ވިޔަސް ދިފާއުން ބުނެފައި ވަނީ އެ ކޮތަޅު އެއްލިތަން ސީން އަށް ދިޔަ އެއްވެސް ފުލުހަކަށް ނުފެންނަ ކަމަށެވެ. ކޮތަޅު އެއްލައިލީ ރޫމާ ކަމަށް ބުނި ނަމަވެސް އޭނާ އެވަގުތު ހުރީ "ކަންކަން އެނގޭ ހާލަތެއްގައި ނޫން" ކަމަށާއި އެހެންވެ އެ ބުނާ ވާހަކަ އަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް ވެސް ދިފާއީ ވަކީލުން ވިދާޅުވެފައިވެ އެވެ.

ރޫމީ އާއި ނަސީމްގެ ބަންދަށް ތިން ދުވަސް ކޯޓުން ދިނީ އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެއްކާއި ގަރީނާ ހުރުމުންނާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އެވެ.