މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ނޭޕާލުގެ ޒުވާން އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މާލޭން ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން ނިޝާ ރާއީ، 21، ހައްޔަރުކުރި އިރު އޭނާ ދިިރިއުޅުނު އެޕާޓްމަންޓްގައި ޑްރަގް ޓްރެފިކިންގެ މިންގަނޑަށް ފެތޭ ވަރަށް މަސްތުވާތަކެތި ހުއްޓެވެ. އެތަކެތި ހުރީ ހާމައަށް ކަމަށާއި އެ ތަކެތި ކިރައި ބަންދުކުރަން ބޭނުންކުރާ ސާމާނު ވެސް އެ ތަނުގައި ހުރިކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

ނިޝާ ފަސް ދުވަހަށް ބަންދުކުރީ އޭނާ މި މައްސަލައިގައި ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނުމުން އެކަމަށް ރިއާޔަތްކޮށްފައި ކަމަށް އަމުރުގައި ބުނެފައިވެ އެވެ.