ޓިކްޓޮކްގައި މަޝްހޫރު، ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާއިރު، އޭނާ އުޅެމުން އައި ކޮޓަރިން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ ސާމާނު ފެނުނަސް، އެ ގެ ބަލައިފާސްކޮށްފައި ވަނީ އިޖުރާއަތުތަކާ އެއްގޮތަށް ނޫން ކަމަށް ގާޒީ ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ފުލުހުން ވަނީ ރޫމީ ދިރިއުޅޭ ގެ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފަ އެވެ. އަދި ރޫމީ، 45، ގެ އިތުރުން އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް، 49، ވެސް ހައްޔަރުކުރި އެވެ.
ރޫމީ އިތުރު ހަތް ދުވަހަށް ބަންދުކުރަން ނިންމައި އިއްޔެ ކޯޓުން ނެރުނު އަމުރުގައި ބުނީ ބަލައިފާސްކުރުމުގެ އަމުރުގައި ހުއްދަދީފައިވާ ގޭގެ އެޑްރެހާއި ބަލައިފާސްކުރި ގޭގެ އެޑްރެސް ދިމާނުވާ ކަމަށް ބެލެވޭ ކަމަށާއި އެކަން އެނގޭނެ ރަސްމީ ލިޔެކިޔުން ރޫމީގެ ދިފާއުން ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ކޯޓު އަމުރު ހޯދާފައި އޮތީ ބްލޫބާޑްގެ ފާސްކުރަން ކަމަށް ވިޔަސް ފާސްކުރީ ނުވިލާމަންޒިލް ކަމަށް ވާތީ އެންމެ ފަހު ދުވަހު ވެސް އެކަން ރޫމީގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.
ކޯޓު އަމުރުގައި ބުނީ، ބަލައިފާސްކުރުމުގެ އިޖުރާއަތުުގެ ތެރެއިން ހޯދި ހެކީގެ މައްޗަށް އެކަނި ބިނާކޮށް، އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. ރޫމީ ހައްޔަރުކުރީ އޭނާ ފުލުހުންނަށް ދިން މައުލޫމާތަށާއި އެ މައުލޫމާތާ އެއްގޮތަށް، މަސްތުވާތަކެތި ފުރާޅުމަތިން ފެނިިފައިވާތީ ކަމަށް ބުރަވެވޭ ސަބަބުތައް ތަހުގީގު ބަޔާންތަކުން ފެންނަން އެބައޮތް ކަމަށް އަމުރުގައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އެ ގެ ބަލައިފާސްކުރިއިރު ރޫމީ އުޅޭ ކޮޓަރިން ކުޑަ ކައްޓާއަކާއި ހުސް ޕެކެޓްތަކެއް ފެނުނެވެ. އެފަދަ ތަކެއްޗަކީ މަސްތުވާތަކެތި ވިއްކައި، ވިޔަފާރިކުރުމަށްޓަކައި އެ ތަކެތި ޕެކްކުރަން ގެންގުޅޭ ޒާތުގެ ތަކެތި ކަމަށް ބެލެވުނަސް އެ ތަން ބަލައިފާސްކުރީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ބެލެން ނެތުމުން ބަލައިފާސްކޮށް ހޯދި ކަންކަމަށް ރިއާޔަތް ކޮށްފައި ނުވާނެ ކަމަށް އަމުރުގައި ބުންޏެވެ.
ރޫމީގެ ބޭސްފަރުވާއާ ގުޅޭ ކަރުދާސްތައް ފުލުހުންނަށް ހުށަހަޅާފައިވާތީ، ފުލުހުން ބުނީ ކަސްޓޯޑިއަލް އިން ބޭސްފަރުވާ ލިބޭނެ ކަމަށާއި ދާއިމީކޮށް ކާ ބޭސްތައް ވެސް ލިބޭނެ ކަމަށެވެ.
ކޯޓުގައި ދިފާއުން ބުނިގޮތުގައި، ރޫމީގެ ޕްރެޝަރު މަތިވެގެން، އޭނާ ހޭނެތުނެވެ. އަދި ރޫމީއަކީ ޑިޕްރެޝަން ވެސް ހުންނަ މީހެއް ކަމަށް ދިފާއީ ވަކީލުން ބުންޏެވެ.
ރޫމީގެ ފަރާތުން އެދުނީ ކިތަންމެ ހަރުކަށި ޝަރުތުތަކަކާ އެކު ނަމަވެސް ބަންދަށް ލުޔެއް ދިނުމަށެވެ. އޭނާގެ ތިން ދަރިން ތިބޭތީ އެ ކުދިން ގާތަށް ފޮނުވައިދޭން އެދިފައިވެ އެވެ.
އެ އަމުރުގައި ބުނީ އެ ހާދިސާ ހިނގާފައިވާ ގޮތަށާއި މަސްތުވާތަކެތި ފެނުނު ތަނާއި އެ ތަކެތި އެއްލާލި މަންޒަރު ފެނުނު މީހަކު ނެތުމުންނާއި އެ ތަކެތި އެއްލާލި ކަމަށް ފުލުހުން ގާތު ބުނާ ބުނުމަށް އިއުތިރާޒުކޮށް، އޭނާގެ ފަރާތުން ޗެލެންޖް ކުރާތީ އޭނާއާ އެ ކުށް ގުޅުވާލެވޭ އެކަށީގެންވާ ހެކި ލިބުމުގެ ފުރުސަތު ހަނި ކަމަށެވެ.