އަރުމާން މާލިކުގެ އަޑުން، އާ އަހަރަކަށް ދިވެހިން ހެއްވާލައިފި

ބޮލީވުޑްގެ ޒުވާން ލަވަ ކިޔުންތެރިޔާ އަރްމާން މާލިކުގެ ރީތި އަޑުން، އާ އަހަރަކަށް ދިވެހިން ހެއްވާލައިފި އެވެ.


އަލިމަސް ކާނިވަލުގައި މިރޭ ބޭއްވި "ސަނީ ސައިޑް މިއުޒިކް ފެސްޓިވަލް 2017" ގައި އަރުމާން ވަނީ އޭނާގެ ރީތި ގިނަ ލަވަތަކެއް ހުށަހަޅައި ދީފަ އެވެ. މި ހުށަހެޅުންތަކުން، އެތައް ބަޔަކަށް މިރޭ ވަނީ ހިތްހަމަޖެހުން ލިބިފަ އެވެ.

"އަރުމާންގެ ހުރިހާ ލަވައެއް ވެސް ވަރަށް ރީތި. އެންމެ އުފާވީ، އަރުމާން ލަވަ ކިޔާތަން ހަމަ ލޮލަށް ފެނުނީމަ،" ޝޯގައި ހުރި ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

ރީތި ލަވަތައް ހުށަހަޅައިދެމުން އަރުމާން ވަނީ، ޝޯ އަށް ގޮސް ތިބި ގިނަ އަދަދެއްގެ މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އޭނާއާ އެކު ސެލްފީ ނެގުމުގެ ފުރުސަތު ވެސް ދިނެވެ.

މިރޭގެ ޝޯ ފައްޓަވައިދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އެ މަނިކުފާނާއި ސަރުކާރުގެ އިސް ވެރިން މި ޝޯ ބައްލަވާލެއްވުމަށް ވަޑައިގަތެވެ.

އަރްމާންގެ އިތުރުން މިރޭގެ ޝޯގައި "ހަބޭސް" ބޮޑު ބެރު ގްރޫޕުގެ ވެސް ލަވަތަކެއް ހުށަހަޅައިދިނެވެ.

މާދަމާ ރޭ ވެސް އަލިމަސް ކާނިވަލުގައި ޝޯއެއް ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މި ޝޯގައި ރާއްޖޭގެ މަޝްހޫރު ގިނަ ލަވަކިޔުންތެރިންގެ ހުށަހެޅުންތައް ހުށަހަޅާނެ އެވެ.