އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތައް ވަރުގަދަކުރުމަށް ދާއިރާތަކުގެ ރައީސުން ހޮވަން ނިންމައިފި އެވެ.
އެ ކޯލިޝަނުން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަކީ ދެފުށް ފެންނަ ގޮތަށް ކާމިޔާބު އިންތިހާބުތަކެއް ބާއްވާފައިވާ ޕާޓީއެއް ކަމަށެވެ.
ތިން އަހަރުގެ ދައުރަކަށް އަލަށް ދާއިރާތަކުގެ އިންތިހާބެއް ބާއްވަނީ ވެސް ކޯލިޝަންގެ މައި އޮފީހާއި ރަށްރަށް ގުޅުވާލައި، ރިޔާސީ އިންތިހާނު ކާމިޔާބުކުރުމުގެ މަސައްކަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އޮކްޓޯބަރު 15 ގައި ބާއްވާ އިންތިހާބުގައި ހޮވާނީ؛
- ޕީޕީއެމް/ޕީއެންސީން 87 ދާއިރާގެ ރައީސުން
- ޕީޕީއެމް/ޕީއެންސީން 87 ދާއިރާގެ ނައިބު ރައީސުން
- ކޮންމެ ރަށަކުން ޒުވާނުން ގޮފީގެ ރައީސް
- ކޮންމެ ރަށަކުން ޒުވާނުން އަންހެނުންގެ ގޮފީގެ ރައީސް
ސުޖާއު ވިދާޅުވީ، ކޯލިޝަންގެ ޖޮއިންޓް ސެނެޓުން ފާސްކޮށްގެން ބާއްވާ އިންތިހާބުގައި ރަށްރަށާ ހިލާފަށް ސިޓީތަކުގައި، ކޮންމެ ދާއިރާއަކުން އަންހެނުންނާއި ޒުވާނުންގެ ގޮފީގެ ރައީސް ހޮވާނެ ކަމަށެވެ.
ދާއިރާތަކުގެ އިންތިހާބުގައި، އެ ދާއިރާއެއްގައި ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ހުރިހާ މެމްބަރުންނަށް ވެސް ވޯޓު ދެވޭނެ އެވެ. އެކަމަކު، ޒުވާނުންގެ ގޮފީގެ ރައީސް ހޮވުމަށާއި އެ މަގާމަށް ކުރިމަތިލެވޭނީ 18-36 އަހަރާ ދެމެދުގެ މީހުންނަށެވެ.
އިންތިހާބު ކޮމިޓީގެ ޗެއާމަން، ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބަށް ވާދަކުރާ ފޯމް ބަލައިގަންނާނީ މި މަހުގެ 13 އިން ފެށިގެން 25 އަށް ކަމަށެވެ. ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް އަންނަ މަހުގެ 15 ގައި ހުޅުވާލައި ހަތް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ ދާއިރާތަކުގެ ރައީސުންނަށް ކޯލިޝަންގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަށް ކުރިމައްޗެއް ނުލެވޭނެ ކަމަށެވެ. ނަމަވެސް އެ ދާއިރާގެ މަޖިލިސް މެމްބަރަކީ ޕާޓީގެ އިސްސަފުގައި ހިމެނިވަޑައިގަންނަވާ މެމްބަރެއް ނޫން ނަމަ، އެ މެމްބަރު ވާނީ އެ ދާއިރާގެ ކޯލިޝަންގެ ރައީސަކަށެވެ. އެހެންވެ، އެ ދާއިރާއަކުން އިންތިހާބުކުރާނީ ނައިބު ރައީސެވެ.