ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިއްވާ ނިޒާމު ގާއިމްކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ސްކޫލުތަކަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ރާއްޖޭގެ 215 ސްކޫލުގައި އަލިފާން ނިވި ހަރުކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން މި މަސައްކަތް ކުރީ ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކްއާ ހަވާލުކޮށްގެންނެވެ.
މި މަސައްކަތަށް 3.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އަލިފާން ނިވިތައް ބެލެހެއްޓުމުގެ މަސައްކަތް ސިވެކް އިން ފަސް އަހަރު ދުވަހަށް ކޮށްދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އަލިފާން ނިވާ ނިޒާމު ބަލަހައްޓާ ބޭނުންކުރުމަށް ތަމްރީނުކޮށްފައިވާ މުވައްޒަފުން ސްކޫލުތަކުގައި މިހާރު ތިބޭނެ ކަމަށެވެ.
ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި، ކުއްލި ހާލަތުގައި ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިމަޖެންސީ އޮޕަރޭޝަން ޕްލޭން ވެސް ވަނީ ތައްޔާރު ކޮށްފަ އެވެ.