ބޫޓު ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލާގައި ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ލިޔުންތައް ނެތިގެން ކުށް ސާބިތު ނުވިޔަސް، އެ ހުރިހާ ލިޔުންތައް ޕީޖީއަށް ފޮނުވާފައިވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އިންޑިއާއިން 2013 ވަނަ އަހަރު އައި ދެ މީހަކު ހައްޔަރުކޮށް، ދައުލަތުން ދައުވާކުރީ އޭގެ ތެރެއިން އެކަކުގެ ބޫޓު ތެރެއިން ބައި ކިލޯގެ ޑްރަގް ފެނުނު މައްސަލާގަ އެވެ. އެކަމަކު ކުށް ސާބިތުނުވެ، އެ މީހުން އިއްޔެ ސަލާމަތްވީ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ލިޔުންތައް ދައުލަތުން ހުށަހަޅާފައި ނެތުމުންނެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން ޔޫނުސް ސޮބާހް "މިހާރު" އަށް ވިދާޅުވީ އެ މައްސަލާގައި ދައުވާކުރަން ފޮނުވިއިރު ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ހުރިހާ ލިޔުންތަކެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ލިޔުން ކޯޓަށް ފޮނުވާފައި ނެތްކަން އެނގުނީ ހުކުމުން ކަމަށް ވިދާޅުވި އެވެ.
"ޑީއީޑީ އާއި އިންވެސްޓިގޭޝަނުން ޔަގީންކޮށްދޭ ލިޔުންތައް ހަމައަށް ފޮނުވި ކަމަށް،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ފޮނުވާ ލިޔުންތަކުގެ ތެރެއިން ހެކީގެ ގޮތުގައި ކޯޓަށް ފޮނުވާނެ ލިޔުންތައް ކަނޑައަޅަނީ ޕީޖީ އޮފީހުންނެވެ.
ޗެއިން އޮފް ކަސްޓަޑީއަކީ މާއްދީ ހެކިތައް ފުލުހުން ނެގުމަށް ފަހު އެކަކު އަތުން އަނެކަކު އަތަށް އެ ތަކެތި ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ލިޔުމެވެ. ޗެއިން އޮފް ކަސްޓަޑީ ނެތުމުން މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައިވެ އެވެ.