ކައުންސިލް އިންތިހާބު އެޕްރީލް 8 ގައި ބާއްވަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އޭޕްރީލް އަށެއްގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައި އެކަން އަންގާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.


އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެ ތާރީހުގައި އިންތިހާބު ބާއްވާނެ ކަން އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް އަންގާފައިވާ ކަމަށް، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވި ނަމަވެސް އިލެކްޝަންސް އިން އަދި އެއްވެސް އެއްޗެކޭ ނުބުނެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އިންތިހާބާ ގުޅޭ ގޮތުން އެކި ކަންކަން ކުރިއަށް ގެންދަން އިލެކްޝަނުން ކަނޑައަޅާފައިވާ ޝެޑިއުލް ޕާޓީތަކާ ހިއްސާކުރީ މިދިޔަ ހަފުތާގައި ބޭއްވި ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

މިމަހު 14 ގައި ކުރިން ބާއްވަން އޮތް ކައުންސިލް އިންތިހާބު ދެ މަހަށް ފަސްކޮށްގެން، އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިންތިޚާބު ފަސްކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައިގެންނެވެ.

ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ. ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.