އާ އިންތިހާބަކަށް އިއުލާން ކުރީ ކޯޓު އަމުރާ ހިލާފަށް: އެމްޑީޕީ

މި މަހު 14 ގައި ބާއްވަން އިއުލާން ކުރި އިންތިހާބު ބާތިލްކޮށް، އާ އިންތިހާބަކަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލީ ސިވިލް ކޯޓުގެ އަމުރާ ހިލާފަށް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.


ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ފުރަތަމަ ހުޅުވައިލި ފުރުސަތުގައި 900 ކެންޑިޑޭޓުން ފޯމު ހުށަހެޅި އެވެ. އެ ފޯމްތައް ބާތިލުކޮށް، އަލުން އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ އިންތިހާބު ދެ މަހަށް ފަސް ކުރަން ސިވިލް ކޯޓުން ނެރުނު އަމުރުގައި ރިއާޔަތް ކޮށްފައި ވަނީ މި މަހު 14 ގައި ބާއްވަން އުޅުނު އިންތިހާބަށް ކަމަށެވެ. އެއާ ހިލާފަށް، އިލެކްޝަނުން މުޅިން އާ އިންތިހާބަކަށް ހުޅުވާލުމުން އެމްޑީޕީން ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުޅިން އާ އިންތިހާބަކަށް ހުޅުވާލުމަކީ، އިންތިހާބަށް ކުރިން ފޯމު ހުށަހަޅައި ކެންޑިޑެސީ ގަބޫލުކޮށް، ލިޔުން ދީފައި ތިބި 900 މީހުންގެ ހައްގަށް ވަރަށް ބޮޑު އުނިކަމެއް އަންނާނެ ކަމެކެވެ.

"އެ މީހުންގެ ހައްގުގައި ކުރެވޭނެ ކަމަކީ ކޮބައިތޯ ބަލައި އެމްޑީޕީން ގޮތްތަކެއް މިއަދު ނިންމާނެ،" ނިޔާޒް ވިދާޅުވި އެވެ.

އާ އިންތިހާބަކަށް ހުޅުވައިލި އިރު، ނިޔާޒް ވިދާޅުވި ގޮތުގައި، ސައްހަ އެއްވެސް ކެންޑިޑެސީއެއް ބާތިލްކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަކަށް ލިބިގެން ނުވެ އެވެ.

"ކެންޑިޑެސީ ބަލައިގަނެފައި އިލެކްޝަނަކަށް ބާތިލެއް ނުކުރެވޭނެ. ބާތިލްކުރަން ގާނޫނީ އެހެން ގޮތްތަކެއް އެބަހުރި، އެއާ މުޅިން ހިލާފަށް އިލެކްޝަނުން އަމަލުކޮށްފައި މިވަނީ،" ނިޔާޒް ވިދާޅުވި އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމަ އަށް އިންތިހާބަށް ކުރިިމަތިލެވޭނެ އެވެ. އާ އިންތިހާބަކަށް ހުޅުވައިލީ، ކެންޑިޑޭޓުންނަށް ދެވެން އޮތް ހުރިހާ ލުއިތަކެއް ދޭން ނިންމައިގެން ކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަނުން ބުނެފައިވާ ގޮތުގައި އިންތިހާބަށް ކުރިން ކުރިމަތިލީ މީހުން ހުށަހަޅާފައިވާ ބައެއް ލިޔުންތައް ބޭނުން ކުރެވޭ ގޮތަށް ވަނީ ނިންމާފަ އެވެ. އެގޮތުން ކުށުގެ ރެކޯޑާއި އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންގެ ހުށަހަޅާ ސޮޔާއި ލިޔުންތައް ހަވާލުކުރަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިންތިޚާބު ފަސް ކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައިގެންނެވެ.

ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާ އިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ. ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.