އިންޑިއާގައި ހުންނަވާ ރާއްޖޭގެ އާ ސަފީރަކަށް އިބްރާހިމް ޝަހީބް އަދި މެލޭޝިއާގެ އާ ސަފީރަކަށް އަލީ ހުސައިން ދީދީ (އަލިދީ) މިއަދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ޝަހީބާއި އަލިދީ އަށް މަގާމުގެ ފަތްކޮޅު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެރުވީ އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
ހ. ޖެހޭވައި، ޝަހީބާއި ހ. މާލޭތިލަ، އަލިދީ ސަފީރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އޮގަސްޓް މަހު އެވެ.
ޝަހީބު ވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި ސަފީރުކަން ވެސް ކުރިން ކުރައްވައިފަ އެވެ. ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީން މާސްޓާ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައިވާ ޝަހީބު ވަނީ ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލްގެ މަގާމާއި އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
މެލޭޝިޔާގެ ސަފީރު ކަމަށް އައްޔަންކުރުމުގެ ކުރިން އަލިދީ ހުންނެވީ ދަ މޯލްޑިވްސް ކޯޕަރޭޝަންގެ ރައީސްގެ މަގާމުގަ އެވެ. ސްރީލަންކާ އާއި ބެލްޖިއަމް ފަދަ ގައުމުތަކުގެ ސަފީރުކަން ވެސް އޭނާ ކުރެއްވި އެވެ.
އިނގިރޭސި ވިލާތުގެ ލޯބޮރޯ ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީން ޓްރާންސްޕޯޓް މެނޭޖްމަންޓް އެންޑް ޕްލޭނިންގެ ދާއިރާ އިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އާއި މާސްޓާސް ހާސިލުކުރަވާފައިވާ އަލިދީ ވަނީ އިމިގްރޭޝަން ކޮންޓްރޯލަރު ކަމާއި ކުރީގެ މާލޭ މުނިސިޕަލްޓީގެ ރައީސްކަން އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަން ވެސް ކުރައްވައިފަ އެވެ.
އިންޑިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު އެންމެ ފުރުއްވީ ހުސައިން ނިޔާޒެވެ. މެލޭޝިއާގެ ސަފީރަކަށް އެންމެ ފަހުން ހުންނެވީ ވިސާމް އަލީ އެވެ.