ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމި ނިންމުން ސިވިލް ކޯޓުން ހުއްޓުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރި ކަމަށް ބުނެ 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމާފައި ވަނިކޮށް މިމަހު ސިވިލް ކޯޓުން ވަނީ އޭގެ ތެރެއިން 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރި ނިންމުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ.
ސިވިލް ކޯޓުން އެ އަމުރު ނެރުނީ އެއީ އޭގެ ތެރެއިން ބައެއް އުޅަނދުތަކުގެ ވެރިފަރާތުން މައްސަލަ ހުށަހެޅުމުން އެ މައްސަލަ ނިމެންދެނެވެ.
އެ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އެ މައްސަަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ބުނެފައިވަނީ ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރީ ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާކަން ފާހަގަވުމުން ކަމަށެވެ. އަދި ކޯޓުން އަމުރު ނެރުނަސް، ރަޖިސްޓްރީ ބާތިލްކުރަމުން ގެންދާނެ ކަމަށް ބުނެފައިވެ އެވެ.