ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ހަމަދު ސްކޫލްގެ ދަރިވަރު، މުހައްމަދު އާލިފަށް އެހީ ހޯދަން، އޭނާގެ ކްލާސް ކުދިން އިސް ނަގައިގެން ހަރަކާތެއް ފަށައިފި އެވެ.
އެކަކު އަނެކަކަށް އެހީވުމާއި އޯގާތެރިވުމުގެ ރީތި އާދަ އާއި ކަންކަމުގައި އިސް ނެގުމުގެ މުހިއްމު ފިލާވަޅުގެ ތެރެއަށް ދަރިވަރުން ވައްދައިދިން މި ހަރަކާތް އެ ސްކޫލުގައި އިއްޔެ ފެށީ ހާއްސަ އެސެމްބްލީއަކުންނެވެ. ސްކޫލް މެނޭޖްމަންޓުގެ އެއްބާރުލުމާ އެކު ދަރިވަރުންގެ މި ހަރަކާތް އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ.
ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ އާލިފަށް ކެންސަރު ޖެހިފައިވާ ކަން އެނގުނީ ފުރަތަމަ ޓާމްގެ ކިޔެވުން ފެށުނުތާ ކުއްލިއަކަށެވެ. އޭނާއަށް މަޖުބޫރުވީ ކިޔެވުން މެދުކަނޑާލައި ރާއްޖެ އިން ބޭރުން ފަރުވާ ހޯދާށެވެ.
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އާލިފް އިންޑިއާގައި ފަރުވާ ހޯދަމުން އަންނަނީ ކެންސަރުގެ ވައްތަރެއް ކަމަށްވާ ހައި ގްރޭޑް ލިންފޯމާއަށެވެ.
ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތު ވިދާޅުވީ "ދީލަތި ހިތަކުން އާލިފްއާ އެކު" ނަމުގައި އެ ކްލާހުގެ ދަރިވަރުން ހަރަކާތެއް ފެށުމުން އުފާކުރައްވާ ކަމަށެވެ. ލީޑިންގެ ޓީޗަރެއްގެ ބެއްލެވުމުގެ ދަށުން އެ ހަރަކާތް ކުރިއަށް ދިޔަ ނަމަވެސް އިސްކޮށް އުޅޭނީ އޭނާގެ އެކުވެރި ދަރިވަރުންކަން ޝައުކަތު ފާހަގަކުރެއްވި އެވެ.
އާލިފްގެ ކްލާހުގައި ކިޔަވާ 23 ދަރިވަރުން މި ހަރަކާތުގައި އިސްކޮށް އުޅެ އެވެ.
"މިއީ މި ދަރިވަރުންގެ އަމިއްލަ އިސް ނެގުމަށް ފެށި ކަމެއް. ފެނިގެން މި ދިޔައީ ކުދިންގެ އިސްނެގުން. ލީޑިން ޓީޗަރާ މަޝްވަރާ ކޮށްގެން މި ހަރަކާތްް ފެށީ. ހުރިހާ ކަމެއްގައި ވެސް އެންމެ އިސްކޮށް އުޅޭނީ އެ ކްލާސް ކުދިން،" ޕްރިންސިޕަލް ވިދާޅުވި އެވެ.
ސްކޫލްގައި ފަންޑް ފޮށިތައް ބަހައްޓައިގެން އިއްޔެ ފެށި ހަރަކާތަށް ބެލެނިވެރިންގެ ފަރާތުން ވެސް ބޮޑު އެހީތެރިކަމެއް އެ ކުދިންނަށް ލިބެ އެވެ.