ހދ. ނޮޅިވަރަމްގައި މިއަދު މަރުވި އަންހެން މީހާގެ މަރާ މެދު ޝައްކު ކުރެވޭ ކަންތައްތަކެއް ފެންމަތިވުމުން އޭނާގެ ހަށިގަނޑު މާލެ ގެންނަން ނިންމައިފި އެވެ.
އުމުރުން 28 އަހަރުގެ އަންހެނަކު ނޮޅިވަރަމްގައި މިއަދު މަރުވި މައްސަލާގައި އޭނާގެ ފިރިމީހާއަށް އެ ރަށު އެ މީހުން ތުހުމަތުކުރެ އެވެ. އޭނާ މިހާރު ހުރީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
އަންހެން މީހާގެ ހަށިގަނޑު މާލެ ގެންދިއުމަށްޓަކައި މިހާރު ވަނީ ލޯންޗެއްގައި ކުޅުދުއްފުށްޓަށް ފުރުވާލައިފަ އެވެ. ފުލުހުންގެ ބަހެއް އަދިވެސް މިކަމާ ބެހޭގޮތުން ނުލިބެ އެވެ.
އދ. ފެންފުށްޓަށް ނިސްބަތްވާ ފިރިހެން މީހާގެ މައްޗަށް އެ މައްސަލާގައި ތުހުމަތުކުރަން ފެށީ އަންހެން މީހާ މަރުވުމުން ކުއްލި ގޮތަކަށް އޭނާ އެރަށުން ފުރައިގެން ދިއުމުންނެވެ. ފަހުން އޭނާ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ދިޔައީ އަމިއްލައަށް ކަމަށްވެ އެވެ.
އޭނާ ހައްޔަރުކުރަން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުލުހުން ދަނީ ކުރަމުންނެވެ.