ހދ. ނޮޅިވަރަމްގައި މިއަދު މަރުވި ނިޝާމާ މުހައްމަދު މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މިރޭ ހައްޔަރުކޮށްފި އެވެ.
ނިޝާމާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުއްޓާ އޭނާގެ ފިރިމީހާ އެރަށުން ފުރައިގެން ދިއުމުން އޭނާގެ މައްޗަށް އެރަށު މީހުން ތުހުމަތުތައް ކުރެ އެވެ.
ފުލުހުން ބުނީ ނިޝާމާގެ ފިރިމީހާ އދ. ފެންފުށީ، ރޯޒީވިލާ އަބޫބަކުރު ފައިސަލް މިރޭ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އޭނާ ހައްޔަރުކުރީ އޭނާ އަމިއްލައަށް ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ދިއުމުންނެވެ.
އެ މަރާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު އަންހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މާލެ ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ހަށިގަނޑު މިވަގުތު އޮތީ ކުޅުދުއްފުށީގަ އެވެ.