މާލޭގެ ރަސްމީ ފަލާމާ ދިމާލުން ފަޅުތެރެއަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅުނު މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފާއި ފުލުހުން މިދިޔަ އާދީއްތަދުވަހުން ފެށިގެން އަންނަނީ ފަޅުތެރެއިން ތެޔޮ ނެގުމުގެ މަސައްކަތް ކުރަމުންނެވެ. ތިން ދުވަހުގެ ތެރޭގައި 15 ފީފީގެ ކަޅުތެޔޮ ފަޅުތެރެއިން ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެއީ ގާތްގަނޑަކަށް 2،400 ލީޓަރުގެ ތެލެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ތެޔޮ ފަޅުތެރެއިން ފެނުނު މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

މާލޭގެ ފަޅުތެރެއަށް އަދި ހާއްސަކޮށް ރަސްމީ ފާލަމަށް އެހާ ބައިވަރު ކަޅުތެޔޮ އެޅިފައި އޮތުމުން އެކަމުގައި ޝައްކުވާ ބައެއް ކަންކަން އެބަހުރި ކަމަށް ބުނެ އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.

އެ މައްސަލަ އީޕީއޭއިން ވެސް އަންނަނީ ބަލަމުންނެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުގައި، މާލެ ފަޅުތެރެއަށް ކަޅުތެޔޮ އެޅުނީ ކިހިނެއްތޯއާ އެއީ ކޮން ބައެއްގެ ސަބަބުން ދިމާވީ ކަމެއްތޯ ބެލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.