މާލޭ ޓީޖެޓީ ސަރަހައްދުގައި އިއްޔެ ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރިއާ ގުޅިގެން ހައްޔަރުކުރި 11 މީހުން މިއަދު ދޫކޮށްލައިފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރި އެންމެން ދޫކޮށްލާފައިވާ ކަމަށް ބުނުން ފިޔަވައި އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެ މީހުން ދޫކޮށްލިޔަސް، މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޓީޖެޓީގައި އޮތް ދެ ދޯންޏެއްގައި ތިބި މީހުންގެ މެދުގައި ހިނގި އެ މާރާމާރީގައި އެއްބަޔަކު އަނެއް ބަޔަކު ގައިގައި ލަކުޑިބުރިން ތަޅާ މަންޒަރު، ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެނުނެވެ. އަދި ފިހިނގަޑާއި ދޯނި މަތީގައި ހުރި އެހެން ސާމާނުން ވެސް ހަމަލާދޭ އެވެ.
އެ މާރާމާރީ ހިންގި ސަބަބެއް އަދި ނޭނގެ އެވެ.
އެ މާރާމާރީގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ވެސް ދިނެވެ.