ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 10 ތަނެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބަލައި، މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށެވެ.
އެ އޮޕަރޭޝަންގައި މާލޭގެ 10 ތަނެއް ބަލައި ފާސްކޮށް، ފަސް ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި، އެ އޮޕަރޭޝަންގައި ހަތަރު ކިލޯގެ ހެރޮއިން ފޮރުވާފައި ހުއްޓާ ފެނުނެވެ.
މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކުގައި ފުލުހުން ދޭތެރެއަކުން މާލޭގައި ހާއްސަ އޮޕަރޭޝަންތައް ހިންގަ އެވެ. އެ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ހޯދައި، މައްސަލައާ ގުޅުން ހުރި މީހުން ހައްޔަރު ވެސް ކުރެ އެވެ. އެކަމަކު، އަދިވެސް ކަންބޮޑުވުމަކީ މަސްތުވާތަކެތި އެތެރެކުރާ ދޮރުތައް ބަންދު ނުކުރެވުމެވެ.