ރޯދަ މަހާ ދިމާކޮށް މާލޭގެ ޓްރެފިކް މެނޭޖުކުރުމުގެ ގޮތުން ބައެއް މަގުތަކަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭ ގޮތް ފުލުހުން މިއަދު ހަދައިފި އެވެ.

މި އަހަރުގެ ރޯދަ މަސް މާދަމާ ފަށާއިރު، މާލޭގެ ޓްރެފިކަށް ވަނީ ވަރަށް ބާރު ބޮޑުވެފަ އެވެ.

ފުލުހުންގެ ނޫސްބަޔާނެއްގައި ބުނީ މާލެއަކީ ރައްޔިތުންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް، މި ރޯދަ މަހު ހާއްސަ ސަމާލުކަމެއް ދީގެން މާލޭގެ މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ އިދާރާއަށް ހުށަހެޅޭ ކުށްތަކުގެ އަދަދު މަދުކުރުމަށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަތަރު ފުރޮޅުލީ އުޅަނދު ވަނުން މަނާކުރި މަގުތައް

• ޖަމާލުއްދީން ސްކޫލާއި ހަމައިން ފެށިގެން މަޖީދީމަގާއި ހަމައަށް އޮންނަ ރަށްދެބައި މަގުގެ ސަރަހައްދު.

• ރަށްދެބައި މަގަށް ނުކުމެވޭ ގޯޅިތައް.

• ބާޒާރުމަތީގައި ބޮޑުތަކުރުފާނު މަގާއި އަމީރު އަހްމަދު މަގާ ދެމެދު ހުންނަ ބައެއް މަގުތައް.

ޓްރެފިކް މެނޭޖުކުރާ ގޮތް

• ހާއްސަ ސަމާލުކަމެއް ދީގެން މާލެ އާއި ސިނަމާލެ ބުރިޖު އަދި މާލެ-ހުޅުމާލެ ލިންކު ރޯޑުގެ ޓްރެފިކް މެނޭޖުކުރުން.

• މިސްކިތްތަކަށް ދާ މީހުންނަށް އެއްވެސް ދަތިކަމެއް ނެތި ފަސޭހަކަމާއެކު މިސްކިތްތަކަށް ވަދެވޭނެ ގޮތް ހެދުން.

• ބާޒާރުމައްޗާއި އެހެން ތަންތަނުގައި ފަސޭހައިން ހިނގާބިނގާވެ އުޅެވޭނެ ގޮތާއި ދަތުރުފަތުރު ކުރޭވެނޭ ގޮތް ހެދުން.

• ގަވާއިދާ ހިލާފަށް ތަންތަނުގައި ޕާކުކުރުން ހުއްޓުވުން.

• ހަވީރުގެ ވަގުތުތަކާއި މަގުތަކުގެ ބާރުބޮޑުވާ ގަޑިތަކުގައި ކަފިހިހުރަސްތައް ކައިރި ބެލެހެއްޓުން.

• ބާޒާރުތަމަތީގައި އުޅަނދުތަކާއި ބޯޓުފަހަރަށް މުދާ އަރުވައި ބޭލުމުގެ ކަންކަމުގައި އާންމުންނަށް އިރުޝާދު ދިނުން.

• މާލެ ތެރޭގައި ހުރި އެކި މާރުކޭޓްތައް ކައިރީގައި ވެސް ޓްރެފިކް ބެލެހެއްޓުން.

"ބުރިޖާއި ހައިވޭގައި 24 ގަޑިއިރު ޓްރެފިކް ބެލެހެއްޓުމާއި ބުރިޖުގެ ހަތަރު ލޭން ބައްދަލުވާ ހިސާބުން ދުއްވާ އުޅަނދުތަކުގެ ސްޕީޑު މަޑުކުރުމަށްޓަކައި ބެރިކޭޑް ޖެހުމާއި ދުވެލި މަޑުކުރުމަށާއި ގަވާއިދާ ހިލާފުވާ ފަރާތްތައް މަދުކުރުމަށް ފުލުހުން ހަރަކާތްތެރިވާނެ އެވެ،" ފުލުހުން ބުންޏެވެ.

ކޮންމެ އަހަރަކު ވެސް ރޯދަ މަހު މާލޭގެ ޓްރެފިކް މެނޭޖުކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން އެކި ކަންކަން ކުރެ އެވެ.