ގަވާއިދާ ޚިލާފަށް ވެހިކަލް ޕާކްކުރުން މާލޭގައި އާއްމުވެފައިވާ ތިން ސަރަހައްދަކުން ވެހިކަލް ޓޯ ކުރަން ފަށަން ފުލުހުން މިރޭ ނިންމައިފި އެވެ.
ފުލުހުން ބުނީ އެ ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ޓޯ ކުރަން ފަށާނެ ކަމަށެވެ.
ގަވާއިދާ ޚިލާފަށް ޕާކުކުރުން އާންމުވެފައިވާ ސަރަހައްދުތައް
1. ބޮޑުތަކުރުފާނު މަގުގެ ހުޅުމާލެ ފެރީ ޓާމިނަލް ހިސާބުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމް އާ ދެމެދު.
2. އަމީނީ މަގުގެ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރު ސަރަހައްދު.
3. ކަނބާއައިސާ ރަނި ހިނގުމުގެ އައިޖީއެމްއެޗް ސަރަހައްދު.
މި ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ބުނި ނަމަވެސް، އެހެން ސަރަހައްދުތަކުުގައި ވެސް ގަވާއިދާ ޚިލާފަށް ވެހިކަލް ޕާކުކުރާ ނަމަ ޓޯކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގައި ޓްރެފިކް މައްސަލަތަކުގެ ތަފާސްހިސާބު ކޮންމެ ހަފްތާއަކު ފުލުހުން އަންނަނީ އާންމުކުރަމުންނެވެ. އާދިއްތަ ދުވަހު ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި ވަނީ 76 ވެހިކަލެއް ޓޯ ކޮށްފަ އެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި 481 ވެހިކަލެއްގައި ވަނީ ސްޓިކާ ޖަހައިފަ އެވެ.