މ. ލައިޓް ސިގްނަލް ގޭގެ ފަސްވަނަ ބުރީގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި ތިއްބާ ފެނުނު ތ. ވިލުފުށީ، ގާސިމް ޝާހިދު 50، އާއި ރަޒީނާ އިބްރާހީމްގެ މަރުގެ ހަގީގަތް ދެނެގަތުމަށް ރާއްޖެ އިން ހެދި ޓެސްޓުތަކުން މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި ދެމަފިރިން މި މަހުގެ ކުރީކޮޅު މަރުވެފައި ތިއްބާ ފެނުނީ ރޭގަނޑު ނިދަން ވަން ގޮތަށް ޖެހިގެން އައި ދުވަހުގެ މެންދުރުވިއިރު ވެސް ހަބަރެއް ނުވެގެން ބެލުމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެމަފިރިންގެ ޓެސްޓުތަކުގެ ނަތީޖާ އިން މާބޮޑު މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އެހެންވެ ސާމްޕަލް ރާއްޖެ އިން ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެމަފިރިން އެކުގައި މަރުވުމަކީ ރާއްޖޭގައި ހިނގި އާދަޔާހިލާފު ކަމަކަށް ވާތީ، މަރުގެ ހަގީގަތް އެނގެން ގިނަ ބަޔަކު ބޭނުންވެ އެވެ. މަރުގެ ހަގީގަތް މުޅިން ކަށަވަރު ވާނީ ރާއްޖެ އިން ބޭރަށް ފޮނުވާ ސާމްޕަލްތަކުގެ ނަތީޖާ ލިބުމުންނެވެ.
އާއިލާ އިން ބޮޑަށް ލަފާ ކުރަނީ ދެ މަފިރިން މަރުވީ ގުދުރަތީ މަރަކުން ކަމަށެވެ. އެއީ، ދެމަފިރިން މަރުވެފައި ތިބިއިރު ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތުމާއި އެ ދެމަފިރިންނަކީ ސިއްހީ އެއްވެސް މައްސަލައަކަށް ބޭސްކުރަމުންދާ ދެ މީހުންނަށް ނުވާތީ އެވެ.
ދެމަފިރިން މަރުވިއިރު ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ.