ގެއްލިގެން ހޯދާ ޖަންބޯ ދޯނި.
12 މެއި 2023 - 00:33
ކ. ގާފަރުން ފުރައިގެން ބ. ދަރަވަންދު އަށް ދެ މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން އެމްއެންޑީއެފުން ރޭ ހޯދަން ފަށައިފި އެވެ.
ކޯސްޓް ގާޑުން ބުނީ އިއްޔެގެ ހެނދުނު 10:40 ހާއިރު ގާފަރުން ފުރި "ޖަންބޯ" ދޯނީގެ ޚަބަރެއް އެންމެ ފަހުން ވީ ހެނދުނު 11:35 ހާއިރު ކަމަށެވެ. އޭގެ ފަހުން އެ އުޅަނދުގެ އެއްވެސް ޚަބަރެއް ނުވި ކަމުގެ ރިޕޯޓް ކޯސްޓް ގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ އިއްޔެގެ ހަވީރު 6:03 ހާއިރު ކަމަށް ކޯސްޓް ގާޑުން ބުންޏެވެ.
"ޖަންބޯ" ދޯނި ގާފަރުގައި މަޑުކުރީ މާލެ އިން ހިލަވެލި ބަރުކޮށްގެން ދިޔަ މަގުމަތީގަ އެވެ.
ކޯސްޓް ގާޑުން ބުނިގޮތުގައި އެ ދޯނީގެ ދިގުމިނުގައި 65 ފޫޓް ހުންނާނެ އެވެ،
"މިއަދުގެ [އިއްޔެގެ] 13:00 އާއި 13:30 އާ ދެމެދުގެ ވަގުތެއްގައި މި ދޯންޏާ ވައްތަރު ދޯންޏެއް ކަމަށް ލަފާކުރެވޭ ދޯންޏެއް ކާށިދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 6 މޭލު ބޭރުން ފެނުނު ކަމަށް އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުން މިރޭގެ ވަގުތެއްގައި ކޯސްޓް ގާޑަށް ވަނީ މައުލޫމާތު ދީފައި،" ކޯސްޓް ގާޑުން ބުންޏެވެ.
ޖަމްބޯ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި އެ ކަން ހިއްސާ ކޮށްދިނުމަށް ކޯސްޓް ގާޑުން އެދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy